އިނގިރޭސި ވިލާތުގެ ޕްރިންސަސް އޮފް ވޭލްސް، ކެތަރިން ވެސް ކެންސަރުގެ އާލާސްކަންފުޅުގައި ފަރުވާ ހޯއްދަވަން ފައްޓަވަފާއިވާކަން މިއަދު އިއުލާނުކުރައްވައިފި އެވެ.
ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ވީޑިއޯ މެސެޖެއްގައި މިކަން ހާމަކުރެއްވީ ސިއްހީ ހާލަތާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ.
ކޭޓް މީގެ ދެ މަސް ކުރިން ވަނީ ބަނޑުގެ ސާޖަރީއެއް ހައްދަވައިފަ އެވެ. އޭރު ގަނޑުވަރުން ނެރުނު ބަޔާނުގައި އެއީ ކެންސަރާ ގުޅުން ހުރި ސާޖަރީއެއް ނޫން ކަމަށް ބުނެފައިވެ އެވެ.
"މިދިޔަ ޖެނުއަރީ މަހު ލަންޑަނުގައި އަޅުގަނޑު ވާނީ ބަނޑުގެ ބޮޑު ސާޖަރީއެއް ހަދާފައި. އޭރު ބެލެވިފައި އޮތީ ކެންސަރުގެ އަލާމާތެއް ނެތް ކަމަށް،" އުމުރުން 42 އަހަރުގެ ކޭޓް ވިދާޅުވި އެވެ.
އެ ސާޖަރީ ކާމިޔާބު ކަމަށާއި އެކަމަކު އޭގެ ފަހުން ހެދި ޓެސްޓުތަކުން ކެންސަރު ހުރިކަން މިހާރު އެނގިފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެންމެ މެޑިކަލް ޓީމުން ވަނީ ބަލި ކޮންޓްރޯލްކުރުމަށް ކީމޯތެރަޕީ ނެގުމަށް ލަފާ ދީފައި. އެއާ ފަރުވާގެ ކުރީކޮޅުގެ މަރުހަލާތައް ވަނީ ފެށިފައި،" އޭނާ ވިދާޅުވި އެވެ.
ކޭޓް ވިދާޅުވި ގޮތުގައި ފިރިކަލުން ވިލިއަމްއާ އެކު މިކަން ވަރަށް ޕްރައިވެޓްކޮށް ބާއްވަން ބޭނުންފުޅުވި އެވެ. އެއީ ދެކަނބަލުންގެ އުމުރުން ހަގު ބޭފުޅުންތަކަށް މިކަމުގެ ސަބަބުން ކޮށްފާނެ އަސަރަކަށްޓަކައި ކަމަށް ވިދާޅުވި އެވެ.
ފަރުވާ ފެށުން ލަސްވީ ކުރި ސާޖަރީން ރިކަވާ ވަންދެން ކަމަށާއި މިހާރު ވާނީ ބަލީގެ ވާހަކަ ތުއްޕުޅު ބޭފުޅުންނާ ވެސް ހިއްސާކުރައްވާފައި ކަމަށް ވިދާޅުވި އެވެ.
ކޭޓް ކެންސަރުގެ އާލާސްކަންފުޅުގައި ފަރުވާ ހޯއްދަވާކަން އިއުލާނުކުރެއްވި އިރު ފެބުރުއަރީ މަހު ވަނީ ރަސްގެފާނު ޗާލްސް ވެސް ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަން އިއުލާނުކުރައްވައިފަ އެވެ.