ކަރަން ޖޯހަރާއި ކާޖޮލްގެ ފޭނުންނަށް މި ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ހާއްސަވާނެ އެވެ.
ދެ ތަރިން އެކީގައި އެ ރޭ ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ މެހުމާނުންގެ ގޮތުގައި ފެނިގެން ދާނެ އެވެ.
އެ އެޕިސޯޑްގެ ޕްރޮމޯ ވެސް އެ ޗެނެލުން މިހާރު އަންނަނީ ދައްކަމުންނެވެ. އެއިން ވެސް އެނގޭ ގޮތުގައި ކަރަން އާއި ކާޖޮލްގެ އެޕިސޯޑްވެގެން ދާނީ ބެލުންތެރިން ވަރަށް ބޮޑަށް މުނިފޫހި ފިލުވައި ދޭނެ އެޕިސޯޑެކެވެ.
އަބަދު ވެސް ވަރަށް ގާތް ރައްޓެހި ކަމެއް އޮންނަ އަދި ކަރަންގެ ތިން ފިލްމެއްގެ ބަތަލާގެ ރޯލް ކުޅުނު ކާޖޮލް އާއި ކަރަންއާ ދެމެދު މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކުނި ޖެހި އެކަކު އަނެކަކަށް ރޫޅި މޫނު ހަދައިގެން ވެސް ތިއްބެވެ.
އެއީ 2016 ގައި ކަރަންގެ "އޭ ދިލް ހޭ މުޝްކިލް" އާއި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅުނު ފިލްމު "ޝިވާއޭ" އެއް ދުވަހެއްގައި ރިލީޒްކުރަން ޖެހުމުން، އަޖޭގެ ފިލްމާ ދެކޮޅަށް ކަރަން އެންޓި ކެމްޕޭން ކުރި ކަމަށް ބަޔަކު ތުހުމަތު ކުރި މައްސަލައިގަ އެވެ،
އެކަމަކު 2017 ގައި ކަރަން އަށް، ސަރޮގޭޓްކޮށްގެން އެއްމާބަނޑު ދެ ދަރިން ލިބުމާ އެކު ކާޖޮލް އާއި އޭނާގެ ގުޅުން ކުރިއެކޭ އެއްގޮތަށް ވަނީ އިޔާދަވެފަ އެވެ.
ކަރަންއާ އެކު ކާޖޮލް މަސައްކަތް ކުރި ތިން ފިލްމަކީ "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ހުޝީ ކަބީ ޢަމް" އަދި "މައި ނޭމް އިޒް ހާން" އެވެ.
ޕަރިނީތީ ކުޅޭ ހޮލީވުޑް ރިމޭކްގެ ޝޫޓިން ޖުލައިގައި
ހޮލީވުޑްގެ ކާމިޔާބު ފިލްމު "ދަ ގާލް އޮން ދަ ޓްރޭން" ގެ ހިންދީ ރިމެކްގެ ބަތަލާގެ ރޯލް ޕަރިނީތީ ޗޯޕްޅާ އަށް ހުށަހަޅާފައިވާކަން ކަށަވަރުވެއްޖެ އެވެ.
އެ ފިލްމު ޕްރޮޑިއުސް ކުރާ ރިޔަލަންސް އެންޓަޓައިމަންޓުން ކުރި ޓްވީޓެއްގައި ވަނީ ޕަރިނީތީ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު އަދި އެ ފިލްމުގެ ނަން އިއުލާނެއް ނުކުރެ އެވެ.
"ދަ ގާލް އޮން ދަ ޓްރޭން" ގެ ހިންދީ ފިލްމު ޑައިރެކްޓް ކުރާނީ 2016 ގައި އަމީތާބް ބައްޗަން އާއި ވިދިޔާ ބާލަންގެ "ތީން" ގެނެސް ދިން ރިބޫ ދާސްގުޕްތާ އެވެ. ފިލްމުގެ ޝޫޓިން އަންނަ ޖުލައި މަހު އިނގިރޭސިވިލާތުގައި ފެށުމަށް ފަހު، މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނީ އަންނަ އަހަރު އެވެ.
ޓޭޓް ޓޭލާ ޑައިރެކްޓް ކުރި މިސްޓްރީ ތުރިލާ "ދަ ގާލް އޮން ދަ ޓްރޭން" ގެ ބަތަލާއަކީ އެމިލީ ބްލަންޓެވެ.
"ސޮޓީ 2" ގެ ދެ ވަނަ ލަވަ ދައްކާލައިފި
އަންނަ މަހު ރިލީޒް ކުރާ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ދެވަނަ ލަވަ ދައްކާލައިފި އެވެ.
ކުރިން "ޖަވާނީ ސޯންގް" ބެލުންތެރިންނަށް ދައްކައިލުމަށް ފަހު މި ފަހަރު ދައްކައިލި ލަވައަކީ "މުމްބާއީ ދިއްލީ ދި ކުޅިޔާ" އެވެ. ފިލްމުގެ ލީޑް ތިން ތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ ފެނިގެންދާ މި ލަވަ ކިޔާފައި ވަނީ ދޭވް ނޭގީ، ޕާޔަލް ދޭވް އަދި ވިޝާލް ދަދްލާނީ އެވެ.
ލަވައިގެ މިއުޒިކް ވިޝާލް-ޝޭކަރު ހަދާފައިވާ އިރު ޅެން ލިޔެފައި ވަނީ ވަޔޫ އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޕުނިތު މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ "ސޮޓީ 2" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 10 ގަ އެވެ.
އަރުޖުން އަށް އަނެއްކާވެސް ދަރިއަކު ލިބެނީ
މިދިޔަ އަހަރު ކައިވެނި ރޫޅާލި އެކްޓަރު އަރުޖުން ރާމްޕާލް އަށް އިތުރު ދަރިއަކު ލިބެން އުޅޭ ކަމަށް ބުނެފި އެވެ.
އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެކުނު އެފްރިކާގެ ބަތަލާ/މޮޑެލް އަދި ހޯސްޓް ގެބްރިއެލާ ޑެމެޓްރިއޭޑިސްއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ބުނީ "ތި ބޭބީ، ބޭބީއެއް ދޭން އުޅޭތީ ޝުކުރު އަދާ ކުރާ" ކަމަށެވެ. އެ ފޮޓޯ އިން ފެންނަނީ ގެބްރިއެލާ ބަނޑުބޮޑުކޮށެވެ.
އަރުޖުން އާއި ކުރީގެ މޮޑެލް މެހެރް ޖެސިއާގެ ކައިވެނި ރޫޅާލި އިރު، އެ ކައިވެންޏަށް ދެ އަންހެން ދަރިން ލިބިފައިވެ އެވެ. އެއީ 17 އަހަރުގެ މާހިކާ ރާމްޕާލާއި މައިރާ ރާމްޕާލް، 13، އެވެ.