ކާންޔޭ ވެސްޓް ގާތުން ވަރިވުމަށް ކިމް ކަޑޭޝިއަން މީގެ އަހަރެއް ކުރިން ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ނިންމާލައިފި އެވެ.
މިދިޔަ ބުދަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކިމް އާއި ކާންޔޭ ރަސްމީކޮށް ވަރިކޮށްދިނުމުން، ކިމް ވަނީ އޭނާގެ ނަމުން ކާންޔޭގެ އާއިލީ ނަން ކަމަށްވާ "ވެސްޓް" ވެސް އުނިކޮށްފަ އެވެ. އެ އަޑުއެހުމުގެ ކާންޔޭ ބައިވެރިއެއް ނުވެ އެވެ.
ވަރީގެ މައްސަލަ ނިމުނަސް، އެމީހުންގެ މުދަލާއި ދަރިންގެ ކަސްޓަޑީގެ މައްސަލަ އަދި އޮންނާނެ އެވެ. އެ ދެމީހުންގެ ހަތަރު ކުދިން ތިބެ އެވެ.
ކިމް އާއި ކާންޔޭ ވަރިވާން ނިންމި ފަހުން އެ ދެ މީހުން މިހާރު ވަނީ އާ ލޯބިވެރިން ވެސް ހޯދައިފަ އެވެ. ކިމް ރައްޓެހިވެގެން އުޅެނީ ކޮމީޑިއަން ޕީޓް ޑޭވިޑްސަންއާ އެވެ. ކާންޔޭ އޭގެ ފަހުން ދެ މީހަކާ ރައްޓެހިވި އިރު، މިހާރުގެ އުޅެނީ އެކްޓަރެއް، މޮޑަލްއެއް އަދި ސޯޝަލް މީޑިއާ އިންފްލުއެންސާއެއް ކަމަށްވާ ޗޭނީ ޖޯންސްއާ އެކު އެވެ.
ވަރިވާން ނިންމި ފަހުން ކާންޔޭ ވަނީ ކިމް އަށް ވަރަށް ޖެއްސުންކޮށް، އޮންލައިންކޮށް ފުރައްސާރަ ކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އޭނާއާ ގާތް މީހުނަށް ފާޑުކިޔައި، ތަފާތު އަޑުތައް ވެސް ފެތުރި އެވެ.