ދ. ކުޑަހުވަދު އަށް ހަދިޔާކުރި ޕީސީއާރް މެޝިންތައް ބޭނުން ކުރަން ފަށާނީ އަންނަ މަހު ކަމަށް ކަނޑިންމަ ރިސޯޓުން ބުނެފި އެވެ.
ކަނޑިންމައިން ބުނީ، ޖުލައި މަހު ކުޑަހުވަދު އަށް ހަދިޔާ ކުރި ޕީސީއާރް މެޝިން ބޭނުން ނުކުރެވި ލަސްވަނީ ބޭނުންވާ އިތުރު ރެޕްރިޖެރޭޓަރާއި ޝެލްފް ފްރޭމްތައް ބޭނުންވާތީ ކަމަށެވެ. މި ތަކެތި ހޯދުން ލަސްވީ، ކޮވިޑްގެ ހާލަތާ ގުޅިގެން ކުރިމަތިވި ލޮޖިސްޓިކް އުނދަގޫތަކާ ގުޅިގެން ކަމަށް ކަނޑިންމައިން ބުނެ އެވެ.
އެ ރިސޯޓުން ބުނީ، ކުޑަހުވަދޫގެ އިތުރުން ދަރަވަންދޫގައި ވެސް ކޮވިޑް ޓެސްޓް ހެދުމަށް ބޭނުންވާ ޕީސީއާރް މެޝިން ބަހައްޓާނެ ކަމަށެވެ. ކަނޑިންމައިން ހަދިޔާ ކުރި މި މެޝިންތަކަކީ ކޮވިޑްގެ އިތުރުން ޑެންގީ ފަދަ ބަލިތަކަށް ވެސް ޓެސްޓް ކުރެވޭ މެޝިންތަކެކެވެ. މިކަން ކަމުގައި ހެލްތު މިނިސްޓްރީއާ އެކު މިހާރު ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ރިސޯޓުން ބުނެ އެވެ.
ކޮވިޑަށް ކުރާ ރެންޑަމް ޓެސްޓްތަކާއި ހޯމް ކަރަންޓީނު ނިންމާ މީހުންނާއި ޓޫރިސްޓުން އަދި ދަތުރުކުރުމުގެ ކުރިން ޓެސްޓްކުރަންޖެހޭ މީހުންގެ ޓެސްޓް ސާމްޕަލްތަކާ އެކު މިހާރު ކޮންމެ 24 ގަޑިއިރަކު 2،000 އަށް ވުރެ ގިނަ ސާމްޕަލް ނަގަ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައި ކޮވިޑް ޓެސްޓުކުރެވޭނެ އިންތިޒާމްތައް ސަރުކާރުން ހަމަޖެއްސި އެވެ. އެގޮތުން ޑަބްލިއުއެޗްއޯގެ އެހީގައި، ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ގއ. އަތޮޅު ހޮސްޕިޓަލް އަދި ގދ. ތިނަދޫގެ އަބްދުއްސަމަރު މެމޯރިއަލް ހޮސްޕިޓަލުގައި ޖީއެން އެކްސްޕާޓް މެޝިން ބަހައްޓައި ޓެސްޓުކުރަން ފެށި އެވެ. އެހެން ނަމަވެސް އަދިވެސް ގިނަ ތަންތަނުގައި ޕީސީއާރް ޓެސްޓްތަކެއް ނުހެދެ އެވެ.