ކަޅުވަކަރު މިސްކިތް މާލޭގެ ބޮޑު ގަނޑުވަރު ގޯތީގައި އަލުން ބެހެއްޓުމަކީ، ރާއްޖެ އިސްލާމްވި ދުވަހު ދިވެހިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި އަގުހުރި ހަދިޔާއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކުގައި ހުރި އެ މިސްކިތް ނެގުމަށް ފަހު އެ ތަނުގައި ކުރީ ސަރުކާރުން ވަނީ އައިސް ސްކޭޓްކުރެވޭ ގޮތަށް ވިންޓަ ތީމް ޕާކެއް ހަދާފަ އެވެ. މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނަގާ "އެއްލާލެއްވި" ކަޅުވަކަރު މިސްކިތް މާލޭގައި އަލުން ބެހެއްޓުމަކީ ދިވެހިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި އަގުހުރި ހަދިޔާއެއް ކަމަށެވެ.

"[އެއީ] މި ބިމުން އިސްލާމްދީން ފޮހެ ނުލެވޭނެ ކަމުގެ ވަރުގަދަ މެސެޖެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކުން ނެގުމުން ކުރީ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެކަމަކު ފަހުން، ގދ. ތިނަދު އަށް ގެންދަން ނިންމި ނަމަވެސް ސަރުކާރުން ފަހުން އެކަމާ ގުޅޭ މައުލޫމާތު އާއްމުންނާ ހިއްސާއެއް ނުކުރެ އެވެ.

އެ މިސްކިތް މާލޭގައި އަލުން ބެހެއްޓުމަށް ފަހު މިއަދު ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މިއީ ވަރަށް ބޮޑު ކާމިިޔާބީއެއް ކަމަށެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ އެހެން އިސްވެރިން ވެސް ބައިވެރިވަޑައިގަތެވެ.