ލ. ކައްދޫ އެއާޕޯޓް ހިންގާ ކުންފުނީގެ ޗެއާމަނަކަށް، އެމްއެންޑީއެފްގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އިއްޔެ، ޕްރައިވެޓައިޒޭޝަން ބޯޑުން އައްޔަންކޮށްފި އެވެ.

ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ޑިރެކްޓަ ޖެނެރަލް މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ ޒަކަރިއްޔާ މަންސޫރު، ކައްދޫ އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރިން އަދާކުރެއްވި ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ބުންޏެވެ.

ސިފައިންގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ޒަކަރިއްޔާ މަންސޫރު އަސްކަރީ ހިދުމަތުން ރިޓަޔާ ކުރެއްވީ 2021 ގަ އެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރައްވަނީ ކައުންޓަ ޓެރަރިޒަމް ސެންޓަރުގަ އެވެ.

ޒަކަރިއްޔާ މަންސޫރު ވަނީ ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީޒްއިން މާސްޓާސް ހައްދަވައިފަ އެވެ. އަދި ކައުންޓަ ޓެރަރިޒަމް ދާއިރާއިން ވެސް އެކިފެންވަރުގެ ކޯސްތަކާއި ތަމްރީންތައް އޭނާ ފުރިހަމަކުރެއްވި އެވެ.

ކައްދޫ އެއާޕޯޓް ހާއްސަކޮށްފައި ވަނީ ޑޮމެސްޓިކް އެއާޕޯޓެއްގެ އިތުރުން، އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށެވެ.