ކ. ކަނޑުއޮތްގިރި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުގައި ހިމެނެނީ ބަނދަރު ހެދުމުގެ އިތުރުން ނެރު ފުންކުރުމާއި އެއްގަމާއި ބޭރުތޮށިލުން އަދި ރިވެޓްމެންޓް ޖެހުމާއި ޝީޓު ޕައިލް ކުރުމެވެ.
އެމްޓީސީސީން ބުނީ، ބަނދަރުގައި ނެރުބައްތި އާއި މަގު ބައްތިތައް ހަރުކޮށް، ލޮނު އަދި ސާފު ފެން ލިބޭނެ ފެން ލައިނު އަޅައި، އީއައިއޭ ހެދުމުގެ މަސައްކަތް ވެސް ކުރާނީ އެ ކުންފުނިން ކަމަށެވެ.
އެއް އަހަރު ދުވަހުން ނިންމަންޖެހޭ އެ މަސައްކަތުގެ އަގަކީ 77 މިލިއަން ރުފިޔާ އެވެ.
ކަނޑުއޮތްގިރިގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ފިޝަރީޒް މިނިސްޓްރީން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރެވެ.
ކަނޑުއޮތްގިރިއަކީ މިފްކޯ އިން ބާޒާރަށް ނެރޭ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުން ކުރާ ރަށެކެވެ. ފެންވަރު ރަނގަޅު މަސް ފެސިލިޓީއެއް އެ ރަށުގައި ގާއިމުކޮށްފައިވީ ނަމަވެސް ބަނދަރު ތިލަވެ، އެއްގަމު ތޮށި ހަލާކުވެފައި ވާތީ ދޯނިފަހަރު ގާތްކުރަން އުނދަގުލެވެ. އެހެންވެ، އެ ފެސިލިޓީގެ ބޭނުން އެންމެ ރަނގަޅަކަށް ނުހިފެ އެވެ.