މާލެ އާއި ހުޅުމާލެއާ ދެމުގައި އޮންނަ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ބަދަލުކުރަން ނިންމާފައިވަނީ ތިލަފުށީ ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިއްޔެ ވިދާޅުވި ގޮތުގައި ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު މާގިރިފަޅަށް ބަދަލުކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފެށުމަށް އިކޮނޮމިކް ކައުންސިލުން ނިންމައިފައިވާ ކަމަށެވެ.

ނާޒިމް އެހެން ވިދާޅުވުމުން، ޑައިވްކުރާ މީހުންނާއި ބައެއް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މީހުން ކަންބޮޑުވީ މަސްވެރިކަންކުރާ ރަށެއް ކަމަށްވާ ކަނޑުއޮތްގިރި އާއި ޝެރެޓަން ރިސޯޓް ކައިރީގައި އޮންނަ މާގިރިފަޅަކީ ގުދުރަތީ ގޮތުން މުއްސަނދި ތަނަކަށްވެފައި، އެ ތަނަށް ތެޔޮ ސްޓޯރޭޖުތައް ބަދަލުކުރުމުން ގުދުރަތީ އެ ވެށި ހަލާކުވެގެންދާނެ ކަމަށް ބުނެ އެވެ.

އެ ފަޅުގައި ފުރިހަމަ މުރަކަތަކާއި ކަނޑުއަޑީގެ ދިރުންތައް ގިނަ ހަތް ޑައިވް ސައިޓެއް ހިމެނޭ ކަމަށް އިކޯ ކެއާ މޯލްޑިވްސް އިން ވެސް ވަނީ ބުނެފަ އެވެ.

މި ކަންބޮޑުވުންތަކާ އެކު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ފުނަދޫގައި ހުރި ތެޔޮ ސްޓޯރޭޖު ބަދަލުކުރަން ނިންމާފައިވަނީ ޝެރެޓަން ރިސޯޓް ކައިރީގައި އޮތް މާގިރި ފަޅަށް ނޫން ކަމަށާއި އެ ތަން ބަދަލުކުރަނީ ތިލަފުށީ ކައިރީގައި އޮތް މާގިރި ފަޅަށް ކަމަށެވެ.

ތެޔޮ ސްޓޯރޭޖު ބަދަލުކުރުމުގެ މި މަސައްކަތަކީ އެއާޕޯޓް ވެސް ހިމެނޭ ގޮތަށް މުޅި މާލެ ސަރަހައްދަށް ގެންނަ ބޮޑު ބަދަލެއްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ މަޝްރޫއުއާ ގުޅޭ ތަފްސީލް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ތިން ގުނަ ބޮޑު ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހިއްސާކުރައްވާފަ އެވެ.

ރައީސް އެ ރޭ ވިދާޅުވީ މިހާރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއާ އެކު އެކީގައި އާ ތަސައްވަރުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި، އެ މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމާއި ސީ ޕްލޭން ޓާމިނަލް ބަދަލު ކުރުމާއި ކ. ފޮނަދޫގައި ހުރި ފިއުލް ސްޓޯރޭޖް ބަދަލުކުރުން ހިމެނޭނެ ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވި އެވެ.

ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ނެގުމަށްފަހު، ރައީސް ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމުކުރައްވާނެ ކަމަށެވެ.

"އެ ތަނަކީ [ފުނަދޫއަކީ] އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާއަކަށް ހެދުމަކީ އެކަމަށް ފުރުސަތު ހުޅުވާލެވި، އެގޮތަށް ފުނަދޫ، އެ ލޮކޭޝަން ޑިވެލޮޕް ކުރުމަކީ އަޅުގަނޑުމެންގެ ދެންމެ ފެނިގެންދިޔަ ތަސައްވުރުގައި ހިމެނޭ ގޮތް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފުނަދޫ ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށާއި ފައިނޭންޝަލް ސެންޓަރު ހެދުމަށް ބޭނުންވާ ކުންފުނި ހެދުމުގެ މަޝްވަރާ ކެބިނެޓުގައި ކުރައްވާނެ އެވެ.