ފުލުހުންގެ ބޭނުންތަކަށް ކުރިން ބޭނުން ކުރަމުން އައި ކ. ފޭދޫފިނޮޅުގައި ހަދަން ނިންމާފައިވާ ރިސޯޓުގެ އަމަލީ މަސައްކަތްތައް މިއަދު ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ރިސޯޓު ހެދުމުގެ މަސައްކަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު އަރީފެވެ. މީގެ އިތުރުން ފުލުހުންގެ އިސް ވެރިންނާއި ރިސޯޓުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

މި ރިސޯޓު ތަރައްގީކޮށް 50 އަހަރަށް ހިންގަން ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއި ދިވެހިންގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ޕާލް އެޓޯލް ނަމަކަށް ކިޔާ ކުންފުންޏާ އެވެ.

ފުލުހުން ބުނީ އެ މުއްދަތުގެ ތެރޭގައި، ސީއެސްއާރު ގޮތުގައި އެ މުއައްސަސާ އަށް 85 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި އެ ފައިސާ އިން އެ މުއައްސަސާގެ ތަރައްގީއަށާއި މުވައްޒަފުންގެ ވެލްފެއާގެ ކަންތައްތަކަށް ހަރަދުކުރަން ނިންމާފައިވާ ކަމަށް ވެސް ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ 2019 ވަނަ އަހަރު އެ ރިސޯޓު ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް މަސައްކަތް ކުރާ ފަރާތުން ބުނެފައިވާ ކަމަށެވެ.

"އެ ރިސޯޓުން ފުލުހުންގެ މުއައްސަސާގެ ރަސްމީ ބޭނުންތަކަށް އަދި މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ހާއްސަ ހިދުމަތްތަކެއް ދޭ ގޮތަށް ވަނީ ހަމަޖައްސާފައި،" ޝިފާން ވިދާޅުވި އެެވެ.

އިކިއުޒިޝަން ކޯސްޓްގެ ގޮތުގައި އެ ރަށް ވިއްކާލާފައިވަނީ ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަކަށެވެ.