ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ފޭދޫފިނޮޅު އަނެއްކާ ވެސް އެހެން ބަޔަކަށް ވިއްކާލަން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން އެތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ދެ ކުންފުންޏެއް ގުޅިގެން ހެދި ޕާލް އެޓޯލް އަށެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ކ. ފޭދޫފިނޮޅު ކުއްޔަށް ދިނުމާ ބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ އެކަން މިނިސްޓްރީ އަށް އެންގުމަށް ވަނީ އެދިފަ އެވެ.
މިއީ އާންމުކޮށް ވެސް ރަށެއްގެ ކުއްޔަށް ދީފައިވާ ފަރާތަކުން އެހެން ބަޔަކަށް ކުއްޔަށް ދޭ ނަމަ އަމަލު ކުރާ އުސޫލެވެ.
ފުލުހުންގެ ބޭނުންތަކަށް ކުރިން ދޫކޮށްފައި އޮތް ކ. ފޭދޫފިނޮޅު، ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏަކަށް ވިއްކާލީ 2016 ވަނަ އަހަރު އެވެ. އެ ރަށް ކުއްޔަށް ދީފައި އޮތީ 50 އަހަރަށެވެ. ފޭދޫ ފިނޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދިންތާ ހަ އަހަރުވީ އިރު އެ ރަށް އަދި ޓޫރިސްޓުންނަށް ހުޅުވައެއް ނުލަ އެވެ.