ބޮލީވުޑްގެ ތަރި، ތާޕްސީ ޕަންނޫ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، 36 އަހަރުގެ ތާޕްސީ ރާއްޖެ އައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ތާޕްސީގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުން އެނގޭ ގޮތުގައި، އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ބޮލިފުށި ރިސޯޓުގަ އެވެ. އިންސްޓަގްރާމް ސްޓޯރީގައި ތާޕްސީ ހިއްސާކުރީ މި ދަތުރުގެ ވަރަށް މަދު ފޮޓޯއެކެވެ.

އޭނާ ރާއްޖެ މި އައީ މި މަހު 21 ގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ޑަންކީ"ގެ ޕްރިމިއާގެ ކުރިންނެވެ. އަދި އަންނަ އަހަރު ގެނެސްދޭ އޭނާ ފިލްމެއް ކަމަށްވާ "ފިރް އާއީ ހަސީން ދިލްރުބާ"ގެ މަސައްކަތްތައް ވެސް ނިންމާލުމަށް ފަހުގަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އޭނާ އައީ "ޑަންކީ"ގެ ޕްރިމިއާ ކުރިން ޗުއްޓީ ހޭދަކޮށްލުމަށެވެ. އެއީ ތާޕްސީ، ޝާހްރުކް ހާންއާ އެކު މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ.

ރާއްޖެ އައުމުގެ ކުރިން ތާޕްސީ ވަނީ އޭނާ ރާއްޖެއަށް ކުރިން ކުރި ދަތުރުގެ ފޮޓޯއެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. އަދި އެ ފޮޓޯގައި އޭނާ ލިޔުނު ގޮތުގައި، ރާއްޖެ އަކީ "ފުރަތަމަ ނަޒަރުން އޭނާގެ ލޯބި ހޯދި" ތަނެކެވެ.

"އަހަންނަށް ވަރަށް ހާއްސަ ދެ ފިލްމުގެ މަސައްކަތް ނިންމާލުމަށް ފަހު ދެން އޮތީ އަހަރެން ވަރަށް ދާން ބޭނުންވެފައި ހުރި މަންޒިލަކަށް ޗުއްޓީ ހޭދަކޮށްލަން ދިއުން. އަހަރެންގެ ފޭވަރިޓް ޕްލޭސް، މޯލްޑިވްސް. ފުރަތަމަ ނަޒަރުން އަހަރެންގެ ލޯބި ހޯދި ތަނެއް،" އޭނާ ލިޔުނެވެ.

ތާޕްސީ އެންމެ ފުރަތަމަ ރާއްޖެ އައީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެ ފަހަރު އޭނާ އައީ ރައްޓެހިންނާ އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.