ށ. ވަގަރުގައި ހަދާ ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓު ހުޅުވުން އަންނަ އަހަރުގެ ޖެނުއަރީ މަހަށް ފަސްކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ އަގު ބޮޑު އެއް ބްރޭންޑް ކަމަށްވާ ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގެ ނަމުގައި އެންމެ މަތީ ފެންވަރުގައި ވަގަރު ކުރިން ހުޅުވަން ނިންމާފައި އޮތީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް އެ ރިސޯޓުގެ ވެބްސައިޓްގައި ބުނެފައި ވަނީ މިހާރު އެ ރިސޯޓު ހުޅުވަން ހަމަޖައްސާފައި ވަނީ އަންނަ ޖެނުއަރީގައި ކަމަށެވެ.

މާލެއާ 192 ކިލޯމީޓަރު ދުރުގައި އޮންނަ ރަށް އަލުން ހުޅުވާއިރު، 68 ވޯޓާ ވިލާ ހިމެނޭނެ ކަމަށް ވެސް ވެބްސައިޓްގައި ބުނެފައި ވެ އެވެ. އޭގެ އިތުރުން، އިޓަލީ އާއި ޖަޕަނީސް އަދި އިންޑިއަން އާއި އިންޓަނޭޝަނަލް ތަފާތު ކެއުންތައް ލިބޭ ހަތް ރެސްޓޯރަންޓާއި އެ ކުންފުނިން އަލަށް ތައާރަފް ކުރާ ސްޕާ ބައި ޖޭ ޑަބްލިއުގެ އިތުރުން ހުރިހާ އެންމެންނަށް ބޭނުން ކުރެވޭ ދެ ޕޫލެއް ވެސް އޮވެ އެވެ. އަދި، ޖިމް އަކާއި ޑައިވިން ސެންޓަރެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ.

ޖޭ ޑަބްލިއު ރިސޯޓުގައި ހުންނަ "ރަހަ" ރެސްޓޯރަންޓް: މި ރިސޯޓުގައި ތަފާތު އެކި ގައުމުތަކުގެ ކެއުން ލިބޭ ހަތް ރެސްޓޯރަންޓް ހުރޭ. ފޮޓޯ: ޖޭ ޑަބްލިއު ރިސޯޓު
ޖޭ ޑަބްލިއު ރިސޯޓުގައި ހުންނަ "ރަހަ" ރެސްޓޯރަންޓް: މި ރިސޯޓުގައި ތަފާތު އެކި ގައުމުތަކުގެ ކެއުން ލިބޭ ހަތް ރެސްޓޯރަންޓް ހުރޭ. ފޮޓޯ: ޖޭ ޑަބްލިއު ރިސޯޓު

މެރިއޮޓް އިންޓަނޭޝަނަލް އިން މީގެ ކުރިން ވަނީ އޭޑީކޭ ޓްރެވަލްސް އިން ތަރައްގީ ކުރަން ފެށި ށ. ގާކޮށިބީގައި މެރިއޮޓްގެ ބްރޭންޑެއް ކަމަށްވާ "ރެއިނަސަންސް"ގެ ރިސޯޓެއް ހުޅުވަން ނިންމައިފަ އެވެ. ނަމަވެސް އެ ރަށް މިހާރު ވަނީ ސިންގަޕޫރުގެ ކުންފުންޏަކުން ގަނެ، "ސިއްރު ފެންފުށި"ގެ ނަމުގައި ހުޅުވައިފަ އެވެ.

މެރިއޮޓް އިންޓަނޭޝަނަލް އާއި އެމެރިކާގެ ސްޓާވުޑް ހޮޓެލްސް މިދިޔަ އަހަރު އެއްކޮށްލުމަށް ފަހު ވަނީ މި އަހަރު ލަގްޒަރީ ފެންވަރުގެ 40 އާ ހޮޓެލް ހުޅުވަން ނިންމައިފަ އެވެ.

ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުގައި އެ ކުންފުނީގެ 422 ހޮޓާ ހުޅުވާފައި ވެ އެވެ. މެރިއޮޓާ އެއްކޮށްލުމުގެ ކުރިން ސްޓާވުޑުން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެއީ އއ. ފެސްދޫގައި ޑަބްލިއު މޯލްޑިވްސް އާއި ކ. ފުރަނަފުށީގައި ޝެރަޓަން މޯލްޑިވްސް އަދި ދ. ވޮއްމުލީގައި ސެންޓްރެޖިސް އެވެ.