ޖުވެނައިލް ކޯޓުގެ ވެބްސައިޓު މިއަދު ހެކްކޮށް އިންޑިއާގެ ދިދައެއް ޖަހައި އިންޒާރު ދީފި އެވެ.

ކުޑަކުދިންނާ ގުޅޭ ޖިނާއީ މައްސަލަތައް ބަލާ ކޯޓުގެ ވެބްސައިޓު ހެކްކޮށް، ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ، އެ ގައުމަށް އިހާނެތިވާ ގޮތަށް ވާހަކަ ދެއްކުން އަދި އެހީތެރިކަމާއި އެއްބާރުލުން ހަނދާން ނައްތާލުމަކީ ވަރަށް ބޮޑަށް ނާއުންމީދުވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

"މިއީ އިންޒާރެއް" ގެ ގޮތުގައި ބެލުމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖެ އާއި އިންޑިއާގެ މައްސަލަ ފެށުނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަށް، ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އޭނާއަށް އިހްތިރާމް ކުޑަވާ ގޮތަށް ފާޑުވިދާޅުވި މައްސަލާގަ އެވެ.

އެކަމުގައި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ ތިން ބޭފުޅުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭގެ ފަހުން، އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައިވެ އެވެ.

ސޯޝަލް މީޑިއާގައި މި ފެށުނު އަރާރުމާ އެކު ރައީސް އޮފީހުގެ ވެބްސައިޓާއި ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގެ ވެބްސައިޓްތަކަށް ވެސް ސައިބަ ހަމަލާތަކެއް ދިނުމުން ނުވަދޭވޭ ގޮތްވި އެވެ. އެކަމަކު މިހާރު ވަނީ އެ މައްސަލަ ހައްލުކޮށްފަ އެވެ.