ދައުލަތަށް ލިބެންޖެހޭ ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދަން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލަކާ ދެކޮޅަށް ދައުލަތުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
ކުރިން ޑެޕިއުޓީ ޕީޖީ ކަން ކުރެއްވި ދީބާނާޒް ފަހުމީގެ މައްޗަށް ދައުވާކުރަނީ އޭނާ ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވިއިރު ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ދައުލަތުން ކުރި ޚަރަދު އަނބުރާ ހޯދުމަށެވެ.
ޕީޖީ އޮފީހާ ދީިބާނާޒްއާ ދެމެދު ހަދާފައިވާ އެއްބަސްވުން އޮންނަ ގޮތުން އެ ކޯސް ފުރިހަމަ ނުކޮށްފި ނަމަ އެ ކޯހަށް ދައުލަތުން ޚަރަދުކުރި ހުރިހާ ފައިސާއެއް އަނބުރާ ދައްކަން ޖެހެ އެވެ. ދިބާނާޒް އެ ކޯހުގެ މުއްދަތުގައި ކޯސް ފުރިހަމަ ނުކުރާ ކަމަށްވެ އެވެ. އަދި ކޯސް ފުރިހަމަކުރެއްވީ މާ ފަހުން ކަމަށް ވެސް ވަނީ އެނގިފަ އެވެ.
އެ ފައިސާ ހޯދަން ދައުލަތުން ހުށަހެޅި މައްސަލަ މިހާރު އޮތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގަ އެވެ. އެ މައްސަލައިގެ ޝަރީއަތް ފަށާނީ އެ މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެވެ.
އެއީ މަދަނީ މައްސަލައެއް ކަމަށްވާތީ އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސިވިލް ކޯޓުގައި ވަކާލާތު ކުރަނީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.
ދީބާނާޒަކީ ޕީޖީގެ މަގާމުގައި އަހުމަދު މުއިއްޒު ހުންނެވިއިރު ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަން ކުރި ބޭފުޅެކެވެ. ފަހުން އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.