ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމުން، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު އެ ޕާޓީން ވަކިވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރިއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ސަރުކާރު ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އޮތަސް، މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް ގާސިމް މިއަދު ވަނީ ރަސްމީކޮށް ޕާޓީއަށް ހުށަހަޅުއްވައިފަ އެވެ.
އެކަމާ ގުޅިގެން ގާސިމަށް އާޒިމް ފޮނުއްވި ސިޓީގައިވަނީ ރައީސަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެ އާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާތީ ގާސިމްގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ އެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އާޒިމްގެ ސިޓީގައިވެ އެވެ.
އާޒިމް ޖޭޕީގައި މިހާތަނަށް ހުންނެވިޔަސް އެ ޕާޓީގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ނޫޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އެންމެ ފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސް އަށް ފަހު ގާސިމްގެ އެޑްވައިޒަރުންނަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އާޒިމް ނުހިމެނެ އެވެ.
ޖުމްހޫރީ ޕާޓީން އެމްޑީޕީއާ ވަކިން އިންތިހާބުގައި ވާދަކުރަން ނިންމިޔަސް، އެ ޕާޓީއަށް ނިސްބަތްވާ ވަޒީރުން އަދިވެސް ސަރުކާރުގައި އެބަތިއްބެވެ. އެކަމަކު އެމްޑީޕީ ތެރެއިން ރައީސަށް ތާއީދު ނުކުރައްވާ ބޭފުޅުންތައް ދަނީ މަގާމުން ވަކި ކުރައްވަމުންނެވެ.
އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝިފާޒާއި އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި ހުސައިން އަމްރު ވެސް މަގާމުން ވަކި ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވާފައި ވަނިކޮށެވެ.