ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަކަށް އަންނާނެ ބޭފުޅަކާ މެދު ގާނޫނީ ދާއިރާގެ ގިނަ ބައެއްގެ ލޯ ހުއްޓިފައި ވަނިކޮށް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވުމުގެ ފުރުސަތު ވެސް މިހާރު މި އޮތީ ބޮޑުވެފަ އެވެ. ހައި ކޯޓަކީ ދެވަނައަށް އެންމެ މަތީ ކޯޓު ކަމަށް ވާތީ އެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހޯދުމަކީ އަބަދުވެސް ވަރަށް ވާދަވެރި ކަމެކެވެ.
އިސް ފަނޑިޔާރު ޝުޖާއު އުސްމާން ސަސްޕެންޑް ކުރުމަށް ފަހު އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފަ އެވެ. ޖޭއެސްސީން ބުނެފައިވާ ގޮތުގައި އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަނީ 2018ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ގޮތުން އޭނާ ވަކިކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންވެ އިސް ފަނޑިޔާރު ކަމަށް ދެން އަންނާނީ ކޮން ބޭފުޅެއްތޯގެ ބަހުސް ފެށިއްޖެ އެވެ.
މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ތަޖުރިބާގެ ގޮތުން ބަލާ ނަމަ، މި ލިސްޓުގެ ކުރިއަށް އަންނާނީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި އޭނާ 12 އަހަރު ހޭދަކުރައްވައިފި އެވެ. މިސްރުގެ އަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމް ހާސިލްކުރެއްވުމަށް ފަހު ހައި ކޯޓު ފަނޑިޔާރު ކަން ކުރެއްވުމުގެ ކުރިން މަދަނީ ކޯޓުގެ ގާޒީގެ މަގާމު ފުރުއްވި އެވެ. އަދި ޖޭއެސްސީގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ފަނޑިޔާރު ހަމީދެވެ.
ލިސްޓުގެ ދެވަނަ އަށް އަންނަނީ ހައި ކޯޓު ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. މާޗް، 2011 ގައި ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރު ޝުއައިބު އޭގެ ކުރިން ވަނީ ޖަސްޓިސް މިނިސްޓްރީގެ ޚާއްސަ ގާޒީ ކަމާއި މަދަނީ ކޯޓުގެ އިސް ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ ގާޒީ ކަން އަދި ޖުވެނައިލް ކޯޓުގެ އިސް ގާޒީ ކަން ވެސް ކުރައްވައިފަ އެވެ.
ތަޖުރިބާގެ ގޮތުން ތިން ވަނަ އަށް ހުންނެވީ ފަނޑިޔާރު އަލީ ސަމީރެވެ. މާޗް، 2011 ގައި ހައި ކޯޓަށް އައްޔަން ކުރުމުގެ ކުރިން އޭނާ ވަނީ ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ގާޒީ ކަން ކުރައްވައިފަ އެވެ. އަދި ހައި ކޯޓު ހިންގުމާ ހަވާލުވެގެން އެންމެ ގިނަ ދުވަހު ހުންނެވި ފަނޑިޔާރަކީ ވެސް އޭނާ އެވެ. އެކަމަކު ޖޭއެސްސީގައި ހައި ކޯޓު ފަނޑިޔާރުންގެ ތެރެއިން މިހާރު ހުންނަވަނީ ސަމީރު ކަމަށް ވާތީ އިސް ފަނޑިޔާރު ކަމަށް އޭނާ އައްޔަން ނުކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމަކީ ވެސް މި ލިސްޓުގައި ހިމެނިދާނެ ބޭފުޅެކެވެ. މާޗް، 2011 ގައި ހައި ކޯޓަށް އައްޔަންކުރުމުގެ ކުރިން ސިވިލް ކޯޓުގެ ރަޖިސްޓްރާ ކަން އޭނާ ކުރެއްވި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފް އައްޔަން ކުރަން ޖޭއެސްސީގެ ލަފައަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތެވެ. އެކަމަކު ޖޭއެސްސީން ލަފާ އެރުވީ އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށެވެ. ޖޭއެސްސީގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެންމެ ފަހުން އިންނެވީ ވެސް ރައޫފެވެ.
ކުރު މުއްދަތެއްގެ ތެރޭގައި މަޝްހޫރު އަދި ބޮޑެތި މައްސަލަތަކެއް ނިންމެވި ފަނޑިޔާރު މުހައްމަދު ނިިޔާޒަކީ ވެސް މި ލިސްޓުގައި ހިމެނުމުގެ ފުރުސަތު ބޮޑު ބޭފުޅެވެ. ޖެނުއަރީ، 2018 ގައި އެ ކޯޓަށް އައްޔަން ކުރި ފަނޑިޔާރު ނިޔާޒަކީ ހައި ކޯޓުގެ ހުކުމް ލިޔުއްވުމުގައި ތަފާތު ފޯމެޓެއް ގެންގުޅުއްވަން ފެއްޓެވި ފަނޑިޔާރެކެވެ. އެއީ ސުޕްރީމް ކޯޓުން ހުކުމުގެ ފޯމެޓް ބަދަލު ކުރުމުގެ ވެސް ކުރިންނެވެ.
ހައި ކޯޓަށް އައްޔަން ކުރުމުގެ ކުރިން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ކުރެއްވުމުގެ އިތުރުން ކުރީގެ ޖަސްޓިސް މިނިސްޓްރީ ޒަމާނުގައި އެކި މަގާމުތައް އޭނާ އަދާކުރެއްވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ބައްލަވާ ބެންޗުގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
މިދިޔަ އަހަރު ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރު ހާތިފް ހިލްމީއަކީ އެ ކޯޓަށް އާ ބޭފުޅަކަށް ވިޔަސް، ފަނޑިޔާރުންގެ ތެރެއިން މަޝްހޫރު ނަމެކެވެ. އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް އިން ތައުލީމް ހާސިލް ކުރެއްވި ހާތިފް، ފެބްރުއަރީ، 2009 އިން ފެށިގެން ހައި ކޯޓަށް އައްޔަން ކުރުމާ ހަމައަށް ހުންނެވީ ސިވިލް ކޯޓުގެ ގާޒީއެއްގެ މަގާމުގަ އެވެ. ސިވިލް ކޯޓުގައި އޭނާ އެންމެ ފަހުން ހުންނެވީ މުދަލާއި ފައިސާގެ ބޮޑެތި މައްސަލަތައް ބެއްލެވުމަށެވެ. އެހެންވެ ހައި ކޯޓަށް އަލަސް، އޭނާއަކީ ވެސް މި ލިސްޓުގައި ހިމެނިދާނެ ބޭފުޅެކެވެ.
ތަޖިރިިބާ އާއި ތައުލީމީ ގޮތުން ބަލާއިރު، މި ހަ ބޭފުޅުންނަށް ވެސް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު އެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ކުރިމަތިލާ ބޭފުޅުންނަށް ބެލުމަށް ފަހު ޖޭއެސްސީންނެވެ.
އިސް ފަނޑިޔާރު ޝުޖާއު ވަކިކުރުމުގެ މަރުހަލާ އެއްކޮޮށް ނުނިމޭތީ އެ މަގާމަށް ކުރިމަތިލާން އަދި ހުޅުވައެއް ނުލަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ އެއް މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އެހެންވެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުންގެ ލިސްޓު ދިގުވުމަކީ އެކަށީގެންވާ ކަމެކެވެ.
އިސް ފަނޑިޔާރު ކަމަށް ޝުޖާއު އައްޔަން ކުރީ އޮގަސްޓް، 2018 ގަ އެވެ. އެއީ އޭގެ ކުރިން އިސް ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. އެކަމަކު އަބްދުﷲ ދީދީ މިދިޔަ އަހަރު ވަނީ ސުޕްރީމް ކޯޓުން ވެސް ވަކިކޮށްފަ އެވެ.