ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް މަގާމުން ވަކިކުރި މައްސަލާގައި، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، އެ މައްސަލައިގެ ތަހުގީގަށް ފަހު، އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވި މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ. 

އެގޮތަށް އެ އޮފީހުން ނިންމީ ދެ ފަނޑިޔާރުން ޖިނާއީ އަމަލެއް ހިނގި ކަމަށް ބަލާނެ އަސާސެއް ނެތުމުންނެވެ. 

އެކަމުން އެނގެނީ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުކެއްގެ މައްޗަށް ބިނާކޮށް ކަމަށް މަޖިލީހުގެ ގަވާއިދުގެ 189 ވަނަ މާއްދާގެ ދަށުން މެންބަރު ކުޑޫ ހުށަހެޅުއްވި މި ގަރާރުގައި ބުންޏެވެ. 

އެ ދެ ބޭފުޅުންނަށް ކުރި ތުހުމަތުތަކެއްގެ މައްޗަށް އެކަނި ބިނާކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ ޖިނާއީ ކުށެއް ހިންގާފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ކަން ވެސް ގަރާރުގައި ފާހަގަކުރި އެވެ. އެހެންކަމުން އެއީ ޖޭއެސްސީން ޒިންމާ ނަގައި ޖަވާބުދާރީވާން ޖެހޭ ކަމެއް ކަމަށް ކުޑޫގެ ގަރާރުގައި ވެ އެވެ. 

ގަރާރުގައި ބުނެފައިވަނީ: 

  • ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުން މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާކަން.
  • ޕީޖީ އޮފީހުގެ ނިންމުމުން އެނގެނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ހާލަތެއްގައި ކަން
  • ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ރ) ގެ (3) ތަންފީޒުކުރުމުގެ ދަށުން، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަން

މެންބަރު ކުޑޫ ވިދާޅުވި ގޮތުގައި، ޖިނާއީ ކުށެއް ނެތި ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލައިގައި ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން، މި ގަރާރުގެ މައިގަނޑު ބޭނުމަކީ އެކަމުގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމާއި ކުރިއަށްދާނެ ގޮތެއް ކަނޑައެޅުން ކަމަށް ގަރާރުގައިވެ އެވެ. 

މަހާޒާއި އަޒްމިރަލްދާ އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން ސަސްޕެންޑްކުރީ އޭސީސީން މި މައްސަލަ ބަލަން ފަށައި، އެކަން ޖޭއެސްސީއަށް އެންގުމާ ގުޅިގެންނެވެ. ނަމަވެސް، ފަނޑިޔާރުން މަގާމުން ވަކިކުރިއިރު އޭސީސީން އެ ބޭފުޅުންނާ ސުވާލެއް ކޮށްނުލަ އެވެ. 

ކުރީގެ ތިން ފަނޑިޔާރުންގެ މައްޗަށް ވެސް މަގާމުގެ ނާޖައިޒު ބޭނުންކުރި ކަމުގެ ތުހުމަތު ޖޭއެސްސީ އާއި ފުލުހުން އަދި އޭސީސީން ކުރި އެވެ. އެ ތުހުމަތުތަކާ އެކު، ސުއޫދު އިސްތިއުފާ ދެއްވިއިރު މަހާޒާއި އަޒްމިރަލްދާ ވަނީ ޖޭއެސްސީގެ ތަހުގީގާ ކުރިމަތިލައި، ޖަވާބުދާރީ ވެފަ އެވެ. 

ނަމަވެސް، ޖޭއެސްސީން ނިންމީ އެ ދެ ފަނޑިޔާރުން ސުލޫކާ ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ، ރައްޔިތުންގެ މަޖިލީހުން ދެ ބޭފުޅުން ވެސް މަގާމުން ވަކިކުރި އެވެ. 

އަޒްމިރާލްދާ އާއި މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި އެއް މައްސަލައަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ. 

ސުޕްރީމް ކޯޓުގެ މި ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި އޮތް ދުވަހު އެވެ.