ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
ހުޒައިފާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅީ ފެމިލީ ކޯޓުގެ މުވައްޒަފެކެވެ. އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ މި ހަފުތާގެ ތެރޭގައި ކަމަށް ވަނީ އެނގިފަ އެވެ.
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިއިރު އެ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ މައްސަލައެއް ވެސް ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން އިސް ގާޒީ ހަސަން ވަނީ މިދިޔަ ހަފުތާގައި ސަސްޕެންޑްކޮށްފަ އެވެ. އިސް ގާޒީ ހަސަން ވަނީ އޭނާގެ މައްސަލަ އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ޖޭއެސްސީން ސަސްޕެންޑްކޮށް، މައްސަލަތަކެއް ދަނީ ބަލަމުންނެވެ. އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް ފަނޑިޔާރު ދީދީއާ މެދު ނާޅަން ސުޕްރީމް ކޯޓުން އަމުރު ކުރިޔަސް، ޖޭއެސްސީން ނިންމާފައިވަނީ އެ އަމުރު ގަބޫލު ނުކުރުމަށެވެ.