ފަނޑިޔާރު ކަމަކީ މީހުންގެ ހައްގުތަކާ ގުޅިފައިވާ، އެކަނިވެރި އަދި ބުރަބޮޑު މަސައްކަތެއް ކަމަށާއި އެއީ ހަމައެކަނި އަމިއްލަ ކުރިއެރުމާއި މަންފާ އަށް ކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު އައިޝާ ޝުޖޫން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ފަނޑިޔާރުން ހުއްވާކުރެއްވުމަށް ހެނދުނު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުޖޫން ވިދާޅުވީ، ފަނޑިޔާރުކަމަކީ ކަންކުރެވޭ ގޮތުން، މީހުންގެ އިހުތިރާމާއި އިތުބާރު ލިބޭ އަދި ހިތްހަމަނުޖެހުމާއި ބަދު ބަސް ވެސް ރައްދުވާ ކަމެއް ކަމަށާއި އެހެން ކަމުން ފަނޑިޔާރުންގެ މަސައްކަތް ކުރައްވަން ވާނީ ވަރަށް ފަރުވާތެރިކަމާ އެކުގައި ކަމަށެވެ.
"[މަސައްކަތްކުރައްވަން ވާނީ] ވަގުތާއި މަސައްކަތް މެނޭޖްކޮށްގެން، ތިމާ އަކީ ހިދުމަތްތެރިއެއް ކަމުގައި ދެކިގެން، ވަކި މީހަކަށް ވީތީ، ވަކި ގޮތަކަށް ހެދުމަކާ ނުލާއި، ހަމަހަމަކަމާ އެކު،" ޝުޖޫން ވިދާޅުވި އެވެ.
"ފަނޑިޔާރުގެ ގޮނޑީގައި އިންނައިރު، ކުރި މައްޗަށް ހުށަހެޅޭ މައްސަލަތަކާ މެދު ގޮތް ކަނޑައަޅަން ވާނީ މައްސަލައިގެ ތެރެއިން ހުށަހެޅިފައިވާ ލިޔެކިޔުމާއި ހެއްކާއި ގަރީނާ އާއި ހަވާލާދީ، ގާނޫނީ ސަބަބުތަކުގެ މައްޗަށް ބަލައިގެން. އަމިއްލަ ނަފުސަށް ގަބޫލުކުރެވޭ ގޮތްތަކެއްގެ މައްޗަށް ނުވަތަ ކޯޓް ރޫމުން ބޭރުން ލިބޭ މައުލޫމާތާއި ވާހަކަތަކަށް ބިނާކޮށެއް ނޫން."
ޝުޖޫން ވިދާޅުވީ، ފަނޑިޔާރުކަން ރަނގަޅަށް ކުރުމަށްޓަކައި، މީހާގެ ވިސްނުމާއި އަމަލުތައް ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހޭނެ ކަމަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން ކަންކަން ފެންނަ ގޮތާއި ވަކީލެއްގެ ހައިސިއްޔަތުން ކަންކަން ފެންނަ ގޮތާއި ވަރަށް ގިނަ ފަހަރު ބޮޑެތި ތަފާތުތަކެއް ހުންނާނެތީ، އެ ކަމަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވާއިރު، ގިނަ ފަހަރަށް ތިބެނީ އެ ހުރިހާ ކަމަކަށް ތައްޔާރުނުވެވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ނިޒާމުގައި ހުރި ކަންކަމާއި މަސައްކަތާ ގުޅުންހުރި ކަންކަމާ އަހުލުވެރިވެ، ޖަޖު މޫޑް އޮން ވާން ކުޑަ ވަގުތުކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެއް. އެކަމުގައި އަޅުގަނޑުމެން މި ތިބީ ތިޔަ އެންމެ ބޭފުޅުނަށް [ފަނޑިޔާރުންނަށް] އެހީވާން."
ސިވިލް ކޯޓުގެއާ ފަނޑިޔާރުން ކަމަށް މިއަދު އައްޔަންކޮށްފައި ވަނީ ސ. ފޭދޫ، ފިތިރޯނުގެ، ޒުލައިހާ ޝީޒާ އާއި ގއ.މާމެންދޫ، ފެހިގެ، އަހްމަދު ނިމާލް ޖުނައިދެވެ. ޒުލައިހާ ޝީޒާ ވަނީ އެޓާނީ ޖެނަރަލް އޮފީހުގެ އެކި މަގާމުތައް ކުރިން އަދާކުރެއްވައިފަ އެވެ. އަދި ނިމާލް ވަނީ އަމިއްލަ ލޯ ފާމެއްގައި ކުރިން މަސައްކަތް ކުރައްވައިފަ އެވެ.