ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފާއި އިތުރު ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ގާޒީ އާރިފްގެ އިތުރުން އެ ކޮމިޝަނުން ބަލަން ނިންމީ ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް ހުސައިން ރަޝީދާއި ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ އާއި ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް އައިނާން އަލީ އާއި ރ. މާކުރަތު ކޯޓުގެ މެޖިސްޓްރޭޓް އަދުނާން ހުސައިންއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ. އެ މައްސަލަތައް ބެލުމަށް ވެސް ވަކިވަކި ކޮމެޓީތަކެއް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަހީން ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އައިނާންއާ ގުޅޭ މައްސަލައަކީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްްމަދު ރާޣިބްއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ ބެލުމަށް މިދިޔަ ހޮނިހިރު ދުވަހު އެ ކޮމިޝަނުން ތުލުސްދޫއަށް ކުރި ދަތުރުގައި ކޮމިޝަނަށް ފާހަގަވި މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް އެކުލަވާލީ ފަސް މެމްބަރުންގެ ކޮމެޓީއެއް ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.

އެ ފަސް ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމުމުގެ އިތުރުން ސުލޫކީ މައްސަލައެއްގައި ރ. އިންނަމާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ނަޝީދަށް ނަސޭހަތް ދިނުމަށް ވެސް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ. ފިޔަވަޅެއްގެ ގޮތުން އޭނާއަށް ނަސޭހަތް ދިނުމަށް ކޮމިޝަނުން ނިންމީ ކޯޓުގެ ޚަރަދުތަކާ ގުޅޭ މައްސަލައަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާބިތުވާ ކަމަށް ކޮމިޝަނުން ނިންމައިފިއްޔާ ދެން މި އޮންނަނީ އަޅަންޖެހޭ ފިޔަވަޅުތަކެއް. އޭގެ ތެރެއިން އެންމެ ލުއި ފިޔަވަޅަކަށް މި އޮންނަނީ ނަސޭހަތް ދިނުން. އެހެންވީމަ ނަސޭހަތް ދިނުމުގެ ފިޔަވަޅު އަޅާފައި މި އޮތީ." ޒަހީން ވިދާޅުވި އެވެ.

މީގެ އިތުރުން ފަނޑިޔާރުންނާ ގުޅޭ އެއްވެސް މައްސަލައެއް ތަހުގީގީ އިދާރާއަކުން ބަލާ ނަމަ އެކަމެއް ޖޭއެސްސީއަށް އަންގަން ކަމާބެހޭ އިދާރާތަކުގައި އެދުމަށާއި ކޯޓުތަކުގައި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަން އޮތް މިންވަރު ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ވެސް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ.

ކްރިމިިނަލް ކޯޓާއި ސިވިލް ކޯޓަށް ދެ ފަނޑިޔާރުން ހޯދަން ކޮމިޝަނުން ކޮށްފައިވާ އިއުލާންތައް ބާތިލްކޮށް، މިވަގުތު އެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ. ސަބަބަކީ އެކަން މިވަގުތު ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށް ކޮމިޝަނަށް ފެނުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.