ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އަބްދުﷲ ގާޒީގެ މައްސަލައެއް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބުނެފައިވީ ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަބްދުﷲ ގާޒީއާ ބެހޭ ގޮތުން ހުށަހެޅި މައްސަލަ ތަހުގީގު ކުރިއިރު، އެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ ބުދަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
"އަބްދުﷲ ގާޒީ" ގޮތުގައި، މުޅި ރާއްޖެ އަށް މަޝްހޫރުވި، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ މުހައްމަދުގެ މައްސަލައެއް ޖޭއެސްސީން ބަލައި ނިންމިއިރު، ފަނޑިޔާރުންނާއި ގާޒީން ތިއްބަވާ ވައިބާ ގްރޫޕެއްގައި އޭނާ ދާދި ފަހުން ހިއްސާ ކުރެއްވި ޅެމެއްގެ މައްސަލަ ފެންމަތިވެފައިވާ ކަމަށް އެނގިފައި ވެ އެވެ. އެކަމަކު ޖޭއެސްސީން ބެލީ ސީދާ އެ މައްސަލަ ކަމެއް އަދިއެއް ނޭނގެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު [ފެބްރުއަރީ 8، 2012) ގައި އެމްޑީޕީގެ މެމްބަރުން ނުކުމެ އެކި ރަށްރަށުގައި ހަމަނުޖެހުން ހިންގައި އަދި ދައުލުގެ ބައެއް ތަންތަނުގައި ރޯކުރި ދުވަހަށް އަށް އަހަރު ފުރުމާ ގުޅުވައިގެން ފަނޑިޔާރުންނާއި ގާޒީންގެ ވައިބާ ގުރޫޕަށް އަބްދުﷲ ގާޒީ ޅެމެއް ހިއްސާ ކުރެއްވީ "ހެޕީ ބޮޑު ހުޅު ޑޭ" ޖައްސަވަ އެވެ.
އަބްދުﷲ ގާޒީ އަކީ، ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވަން މަޖުބޫރުވި ސަބަބެއް ކަމަށް އެއް ބަޔަކު ބުނެ އެވެ.
ނަޝީދު އިސްތިއުފާ ދެއްވީ، އެ މަނިކުފާނުގެ ވެރިކަމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން އަބްދުﷲ ގާޒީ ބަންދުކުރުމުން، އެކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތަކާއި އެއްވުންތަކަށް ފަހު، ކުރިމަތިވެވަޑައިގެންނެވި ފިއްތުންތަކާ އެކު އެވެ. ނަޝީދުގެ އިސްތިއުފާއާ އެކު، އެ ދުވަހު އެންމެ ފުރަތަމަ ހިނގި އެއް ކަމަކީ ސިފައިންގެ ތަމްރީނު މަރުކަޒު ގިރިފުށީގައި ބަންދުކޮށްފައި ހުންނެވި އަބްދުﷲ ގާޒީ މިނިވަން ކުރުމެވެ.
ނަޝީދުގެ މައްޗަށް 13 އަަހަރުގެ ޖަލު ހުކުމެއް އިއްވީ ވެސް އަބްދުﷲ ގާޒީ، އޭރު ބަންދު ކުރި ކުރުމާ ގުޅުވައިގެން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެންނެވެ. ނަމަވެސް، އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ 2018 ވަނަ އަހަރު ބާތިލުކޮށްފަ އެވެ.