ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ވަކިކުރަން މަޖިލީހަށް ފޮނުވަން އެ ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ. އެ މައްސަލައާ ގުޅިގެން ފަނޑިޔާރު ޑީޑީ މިހާރު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.

ފަނޑިޔާރު ޑީޑީ ވަކިކުރަން ފޮނުވި އެ މައްސަލަ މަޖިލީހުގެ މިރޭގެ ޖަލްސާ އަށް އެޖެންޑާ ކުރައްވާނެ ކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވަނީ އިއުލާން ކުރައްވައިފަ އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަން ވެސް ކުރެއްވި ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން އަމުރެއް ނެރުނެވެ. އެކަމަކު ޖޭއެސްސީން ނިންމާފައި އޮތީ އަމުރު ނެރުނަސް، ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.

މިހާތަނަށް ފިޔަވަޅެއް އެޅުމުގެ ގޮތުން މަޖިލީހުން ފާސް ކޮށްގެން ފަނޑިޔާރު ކަމުން ވަކިކުރީ ދާދިފަހުން ފަނޑިޔާރު ކަމުން ވަކިކުރި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދެވެ.