ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާއިން ފަނޑިޔާރުންތަކަކަށް މާލީ މަންފާ ލިބުނު މައްސަލާގައި ގާޒީ ބާރީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
އެހެންވެ، ގާޒީ ބާރީގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައި، ފަނޑިޔާރު ކަމުން އޭނާ ވަގުތީ ގޮތުން ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި ގާޒީ ބާރީއަކީ އެ ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރެކެވެ. އޭރު އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތަކެއް ވެސް އޭނާ ބެއްލެވި އެވެ. އޭނާ ޖުވެނައިލް ކޯޓަށް 2017 ވަނަ އަހަރު ބަދަލުކުރީ ކުއްލި ގޮތަކަށެވެ.
ގާޒީ ބާރީ ސަސްޕެންޑް ކުރިއިރު، އެކި މައްސަލަތަކުގައި ގިނަ ފަނޑިޔާރުންތަކެއް މައްސަލަތައް ބަލަން ނިންމައި، އަދި ބައެއް ފަނޑިޔާރު ސަސްޕެންޑް ވެސް ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.