ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރަން ބޭނުން ނުވާ ނަމަ، އެ ހަދައި އާއްމުކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އޭނާގެ ފޭސްބުކްގައި ތަފާތު ސްޓޭޓަސްތަކެއް ލިޔުއްވައިފި އެވެ.

ކްރިމިނަލް ކޯޓުން ކުއްލި ގޮތަކަށް ވަކިކޮށް، ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާ ބާރީ އޭނާގެ ފޭސްބުކްގައި ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތަކަށް އަމަލުކުރަން ބޭނުން ނުވާ ނަމަ، ގާނޫނުތައް ހަދައި ގެޒެޓްކޮށް، ޝާއިކުރުމުގެ އެއްވެސް ބޭނުމެއް ކަމެއް ނެތް ކަަމަށެވެ. މީސްތަކުންނަށް އަނިޔާވެރިވާނެ ގޮތާއި މުދަލާއި ފައިސާ ފޭރޭނެ ގޮތް ބަޔަކު ކިޔައިދިނުމުން، އެ މީހުން އެދޭ ހުރިހާ ކަމެއް އެދޭ ގޮތަކަށް ކޮށްދޭ މީހާ އަށް ވުރެ އަނިޔާވެރި މީހެއް ހުންނާނެތޯ ވެސް ބާރީ ވަނީ ސުވާލު ކުރައްވައިފަ އެވެ.

ބާރީ މި ފާޑު ވިދާޅުވީ މިހާރު ކޯޓުތަކުގައި ހިނގަމުންދާ ސިޔާސީ މީހުންގެ ޝަރީއަތްތަކާ ގުޅިގެން ކަަމަށް ބެލެވެ އެވެ.

އޭގެ މިސާލު އޭނާ ޖައްސާފައި ވަނީ ސިންގާ އާއި ބަކަރީގެ ވާހަކަ އިންނެވެ.

"ސިންގާ ބޭނުން ވަނީ ބަކަރި ކާލަން ކަމަށް ވާނަމަ، ބަކަރި ކާލަން ނުޖެހޭ އެއްވެސް ސަބަބެއް، ބަކަރީގެ ފަރާތުން ސިންގާ އަކަށް ނުދެއްކޭނެ،" ބާރީ ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ވެސް ބާރީ ވަނީ ފޭސްބުކްގައި އާދަޔާ ޚިލާފު މެސެޖެއް ލިޔުއްވާފައިވެ އެވެ. އެ ފަހަރު އޭނާ ވިދާޅުވީ "ހަމަކަށަވަރުން އެބައި މީހުންނަކީ އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އެއީ "ކޮން ބައެއް ކަމާއި އެ މީހުންގެ އަނިޔާވެރިކަމާއި ޖާހިލު ކަމުގެ ތަފްސީލު އަންނަނީ" ކަމަށް ވެސް ބާރީ ވިދާޅުވެފައިވެ އެވެ.

މި ސަރުކާރުގައި ސިޔާސީ ގިނަ ބޭފުޅުންތަކެއްގެ މައްސަލަ ބެއްލެވި ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާ އެކުގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިނަށް ވެސް ދިގު މުއްދަތުގެ ހުކުމެއް އިއްވީ ވެސް ބާރީ އެވެ. މި ހުކުމްތަކާ ގުޅިގެން ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ބާރީ އަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.