ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފާއި އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލްގެ މައްޗަށް އެއްވެސް މައްސަލައެއްގެ ތަހުގީގެއް ހިންގުމެއް ނެތި އެ ދެ ގާޒީން އެހެން ކޯޓަކަށް ބަދަލު ކުރި ކުރުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
އިސް ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލު ކުރުމަށް އަދި ގާޒީ ޝަކީލް ފެމިލީ ކޯޓަށް ބަދަލު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ހޯމަ ދުވަހުގެ ރޭ ނިންމީ ސުޕްރީމް ކޯޓުން ހުށަހެޅި ހުށަހެޅުމަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އެކަމާ ގުޅިގެން ސުއޫދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރެއްގެ ރުހުން ނެތި އޭނާ އެހެން ކޯޓަކަށް ބަދަލު ކުރެވޭނީ ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ކަމަށާއި އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލު ކުރި ކުރުމަކީ ގާނޫނުއަސާސީން ފަނޑިޔާރުންނަށް ލިބިދީފައިވާ މިނިވަންކަމާ ޚިލާފް އަމަލެއް ކަމަށެވެ.
އިސް ގާޒީ ބާރީގެ މައްޗަށް ފިޔަވަޅު އަޅާނެ ތަނެއް ނެތް ކަމަށް ޖޭއެސްސީން ނިންމާފައި ވަނިކޮށް އެރޭ ދަންވަރު އޭނާ އެހެން ކޯޓަކަށް ބަދަލު ކުރަން ނިންމީ ކީއްވެގެންތޯ އެ ބަޔާނުގައި ސުއޫދު ސުވާލު އުފައްދަވާފައިވެ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްސަލަ ވެސް ބައްލަވަމުން ގެންދެވި ގާޒީ ބާރީ އާއި ގާޒީ ޝަކީލް ކުއްލި ގޮތަކަށް އެހެން ކޯޓަކަށް ބަދަލު ކުރީ ޖޭއެސްސީގެ މެމްބަރު ވާޖިބަށް ވަފާތެރިވެ ތިއްބަވައިގެންތޯ އެ ބަޔާނުގައި ސުވާލު އުފައްދާފައިވެ އެވެ
"ފަނޑިޔާރަކު ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަމަށް އޮތް ހައްލަކީ މަތީ ކޯޓަކަށް އިސްތިއުނާފް ކުރުމެވެ. އެ ނިންމުމާ ގުޅިގެން ފަނޑިޔާރެއްގެ މައްޗަށް އަދަބެއް ކަނޑައެޅިގެން ނުވާނެ އެވެ. މިއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަނޑައަޅާފައިވާ ހުކުމެވެ،" ކުރިން ޖޭއެސްސީގެ މެމްބަރު ކަން ވެސް ކުރެއްވި ސުއޫދުގެ އެ ބަޔާނުގައިވެ އެވެ.
ކުޑަކުދިން ކުރާ ކުށްތަކުގެ މައްސަލަ ބަލާ ޖުވެނައިލް ކޯޓުގައި އޮތީ އެންމެ 13 މައްސަލަ ކަން ފާހަގަކޮށް، އެ ބަޔާނުގައި ވަނީ އެ ކޯޓުގައި މިހާރު ވެސް ހަތަރު ފަނޑިޔާރުން އެބަ ތިބި ކަމަށެވެ. އެހެންވުމުން އެ ކޯޓުގެ ކޮންމެ ފަނޑިޔާރެއްގެ އަތުގައި ވެސް އޮންނާނީ އެންމެ ތިން މައްސަލަ ކަމަށާއި ގާޒީ ބާރީ އެ ކޯޓަށް ބަދަލުކުރީ އެ ކޯޓުގައި ކުރާނެ މަސައްކަތް ހުރެގެންތޯ އެ ބަޔާނުގައި ސުއޫދު ސުވާލު އުފައްދަވާފައިވެ އެވެ.
"ޖޭއެސްސީގެ މެމްބަރުކަން ފަދަ ދުސްތޫރީ މަގާމަކަށް އައްޔަން ކުރެވޭ ކޮންމެ މީހަކީ ހަމައެކަނި އިސްލާމް ދީނާއި ގާނޫނު އަސާސީއަށް ތެދުވެރިވެ، ވަރަށް ޒިންމާދާރު މަސްއޫލިއްޔަތެއް އަދާކުރަން ޖެހޭ މީހެކެވެ. އެ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރަން ޖެހޭނީ މި ގައުމުގެ ދުސްތޫރީ ނިޒާމު ވަކި ހަމައެއްގައި ހިފެހެއްޓުމަށެވެ. މި މޭރުމުން އެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެންވާނެ އެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ މެމްބަރު އެ މަގާމުގެ ދައުރު އަދާ ކުރަމުން ގެންދަވާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އެ މެމްބަރު ވަކިކުރަން މަސައްކަތް ފަށަން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.