މީގެ ކުރިން ރާއްޖޭގައި އުއްތަމަ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ ވަރަށް ނާތަހުޒީބީ ގޮތްގޮތަށް ކަމަށާއި އެކަމަކު މިއަދު އެކަން ތަފާތުވާނެ ކަމަށް މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމުގެ ވޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އެހުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. އެ ވޯޓު ނަގާނީ މެންދުރު 1:30 ގަ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތާރީޚު ގައި ރަސްރަސްކަލުންނަށް ވުރެ ރާއްޖޭގެ ފަނޑިޔާރުންގެ ލިސްޓް ދިގު ކަމަށެވެ. އޭގެ ތެރެއިން ގިނަ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ ވަރަށް ނާތަހުޒީބީ ގޮތްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން، ރަދުންގެ އޮޑި ބާލާއިރު ބަނޑުފިލާދަށު ލައިގެން ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވާއިރު އަނެއް ބައި ފަނޑިޔާރުންގެ ގައިގައި ކަފަ ބަނދެ އަންދާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރު އަމަލުކުރާ ގާނޫނު އަސާސީ އަށް ފަހު ވެސް ކުރިން އުއްތަމަ ފަނޑިޔާރު ވަކިކޮށްފައި ވަނީ ވެސް ގާނޫނަށް ގެންނަ ބަދަލަކުން "އޮޅިގެން" ނުވަތަ ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވަކިކުރިއިރު އޭގެ ފަހުން އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު ވަކިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އަމުރަކާ ގުޅިގެން ހައްޔަރު ކުރުމަށް ފަހު އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މިހާރު މަސައްކަތް ކުރައްވަނީ ގާނޫނުއަސާސީ ގައިވާ އިޖުރާތްތަކާއި އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާއި ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމަށެވެ.

"މިއަދު ރާއްޖޭގެ ރައްޔިތުންނަށް މި އިއްޒަތްތެރި މަޖިލިސް ދައްކުވައި ދޭނީ އެ ނިންމުން ތިޔަ އިއްޒަތްތެރި މެމްބަރުން ނިންމަވާ މަންޒަރު،" ނަޝީދު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ރަނގަޅު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުންނެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމިޓީ އަށް ސާބިތުވާ ކަމަށެވެ. ދެ ބޭފުޅުންނާ ގުޅޭގޮތުން، ޖޭއެެސްސީން ބެލި މައްސަލަތަކުގެ ބާވަތުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ދާދި ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.