މެންޗެސްޓާ (ފެބްރުއަރީ 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ ދެން އޮތް މެޗުތަކަށް ނުކުންނައިރު ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލުގެ މެޗުތަކަށް ވަރަށް ރަނގަޅަށް ފާރަވެރިވާނެ ކަމަށް ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލީގުގެ ފަހު 11 މެޗަށް ދެ ޓީމު ނުކުންނައިރު، ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 27 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސިޓީ އޮތީ 27 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމަށް 27 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.
"ހަމަޔަގީން އަހަރެމެން ލިވަޕޫލް ކުޅޭ މެޗުތައް ބަލާނަން. އެމީހުންގެ މެޗުތަކަށް ފާރަވެރިވާނަން. އެމީހުން މޮޅުނުވާނަމަ އުފާކުރާނަން. އަހަންނަށް ޔަގީން އަހަރެމެން މޮޅުނުވާނަމަ ލިވަޕޫލުން ވެސް އުފާކުރާނެކަން. ޓޮޓެންހަމް ވެސް އޮންނާނީ ހަމަ އެގޮތަށް،" މިރޭ ލީގުގައި އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހުން 10 އަހަރުގެ ރެކޯޑްތަކަށް ބަލާއިރު ޑިސެމްބަރުގެ ފަހުން އެއް ވަނަ މަގާމުގައި ލީޑެއްގައި އޮވެ ލީގު ގެއްލުނު ހަމައެކަނި ޓީމަކީ ލިވަޕޫލް އެވެ. ގާޑިއޯލާ ބުނީ ތާރީހު ކޮންމެ ގޮތަކަށް އޮތް ނަމަވެސް އޭނާގެ ވިސްނުން ހުރީ ހަމައެކަނި ކުރަން އޮތް މަސައްކަތަށް ކަމަށެވެ.
"އަހަރެމެން ދެ ޓީމުގެ ތަފާތަކަށް މިވަގުތު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގު. އަދި 33 ޕޮއިންޓް ހޯދަން ކުޅެން ޖެހޭ. އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ މެޗުތަކުން މޮޅުވެގެން އެ މީހުންނަށް (ލިވަޕޫލް) ޕްރެޝަރު ކުރުން. އެކަން ކުރެވެން އޮތީ އަހަރެމެން މެޗުތަކުން މޮޅުވެގެން،" ގާޑިއޯލާ ބުންޏެވެ.
މިދިޔަ އާދިއްތަ ދުވަހު ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް ސިޓީން ލީގު ތަށި ދިފާއުކުރިއިރު، މި ސީޒަނުގައި އެ ޓީމުން އަންނަނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގަށް ވެސް ވާދަކުރަމުންނެވެ. ސިޓީ އަށް މި ވަގުތު އޮތް ގޮންޖެހުމަކީ މުހިއްމު ހަތަރު ކުޅުންތެރިއަކު އަނިޔާގައި ތިބުމެވެ.
"އަހަންނެއް ޝަކުވާއެއް ނުކުރާނަން. އަނިޔާގައި ކުޅުންތެރިން ތިބީމަ މެޗުތައް ރޭވިފައި ހުރި ގޮތް ކަމު ނުގޮސްގެން އެ ވާހަކަ ވެސް ނުދައްކާނަން. މިއީ އަހަރެމެންގެ ކޮންޓްރޯލުން ބޭރުގައި ހުރި ކަންތައް. އަހަރެމެންގެ ކޮންޓްރޯލްގައި ހުރީ މަސައްކަތް ކޮށްގެން މެޗުތަކުން މޮޅުވުން،" ގާޑިއޯލާ ބުންޏެވެ.
ސިޓީ ދަނޑުގައި އެ ޓީމުގެ ކުރީގެ ކޯޗު މެނުއަލް ޕެލެގްރީނާގެ އިރުޝާދުގެ ދަށުން ކުޅޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ. ހަމަ އެ ގަޑީގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ.