މޮނާކޯ، ފްރާންސް (ސެޕްޓެމްބަރު 1) - ޔޫއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް ހޯދައިފި އެވެ.

ހާލަންޑް މި އެވޯޑް ހޯދީ އޭނާއާއެކު ސިޓީއަށް ކުޅޭ ކެވިން ޑިބްރޭނާ އާއި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ލިއޮނެލް މެސީއާ ވާދަކޮށެވެ. ހާލަނޑް ވަނީ ސިޓީއަށް މިދިޔަ ސީޒަންގެ ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިދޭން ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މިދިޔަ ސީޒަންގައި ކުޅުނު 53 މެޗުން 52 ގޯލު ޖެހި 22 އަހަރުގެ ހާލަންޑް ވަނީ، އިނގިރޭސި ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ.

"އަހަރެން 22 އަހަރުގައި ޓްރެބަލް އެއް ނަގައިފިން. ހީވަނީ މި އުޅެވެނީ ހުވަފެނީ ދުނިޔެއެއްގައި ހެން،" މޮނާކޯގައި އޮތް ހަފްލާގައި އެވޯޑް ލިބުމުން ހާލަންޑް ބުންޏެވެ.

އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ. މިއީ ގާޑިއޯލާ އަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

ގާޑިއޯލާ މި އެވޯޑް ހާސިލްކުރީ، ނަޕޯލީ އަށް 33 އަހަރު ފަހުން އިޓަލީ ލީގު ހޯދައިދިން ކޯޗު ލޫސިއާނޯ ސްޕަލޭޓީ އާއި، އިންޓަ މިލާން ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިން ސިމިއޯނީ އިންޒާގީ ފަހަތަށް ޖައްސާލައިފަ އެވެ.

ބުރަކަށީގެ ސާޖަރީއަކަށް ފަހު މުޅިން ރަނގަޅު ނުވާތީ، އެވޯޑް ހަފްލާގައި ގާޑިއޯލާ ބައިވެރިއެއް ނުވެ އެވެ.

ޔޫއެފާ އިން ހޮވި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކީ ސްޕެއިން އާއެކު މިދިޔަ މަހު އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބުކުރި އަައިޓާނާ ބޮންމަޓީ އެވެ. އޭނާ ވަނީ ބާސެލޯނާ އާއެކު މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ވެސް ކާމިޔާޞު ކޮށްފަ އެވެ.

އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ މިއަހަރުގެ ވޯލްޑް ކަޕް ފައިނަލަށް އިންގްލެންޑް ގެންގޮސްދިން ސަރީނާ ވެއިމަން އެވެ. އޭނާ ވަނީ އޭޕްރީލް މަހު ވެމްބްލީގައި ބްރެޒިލް ބަލިކޮށް އިންގްލެންޑަށް ފައިނަލިސިމާ ތަށި ވެސް ހޯދައިދީފަ އެވެ.