ވޮޝިންޓަން (ނޮވެމްބަރު 24) - އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ޖޯ ބައިޑަން ޖެނުއަރީ 20 ގައި މަގާމާ ހަވާލުވެވަޑައިގެން، ތިމާވެއްޓާ ބެހޭ މަންދޫބުގެ މަގާމަށް ކުރީގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ހަމަޖައްސަވާނެކަން ޔަގީންވެއްޖެ އެވެ.
ބައިޑަންގެ ކެބިނެޓަށް ހަމަޖައްސާ ބައެއް ބޭފުޅުންގެ ނަންތައް މިއަދު އިއުލާންކުރާ އިރު ޖާސޫސީ އިދާރާ ހިންގަން ފުރަތަމަ ފަހަރަށް އަންހެނަކާ ހަވާލު ކުރަން ވަނީ ނިންމައިފަ އެވެ. އެ މަގާމަށް އަވްރިލް ހައިންސް ހަމަޖައްސާއިރު ބައިޑަގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސް މަގާމަށް ނުވަތަ ސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމަށް ހަމަޖައްސާނީ ބައިޑަންއާ އެކު ގިނަ އަހަރުތަކެއްގައި މަސއްކަތް ކުރެއްވި އެންތަނީ ބްލިންކެން އެވެ.
ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހުން ފެށިގެން، އެމެރިކާގެ އަސްލު މަގާމަށް ގެންދެވޭނެ ގާބިލް ޓީމެއް ތައްޔާރަށް ބާއްވަން ބޭނުންވާ ކަމަށެވެ. ބައިޑަން ހަމަޖައްސަވާ ބައެއް މަގާމުތަކަށް ސެނެޓުގެ ރުހުން ބޭނުންވާނެ އެވެ.
ތިމާވެއްޓާ ބެހޭ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސަވާ ކެރީ އަކީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި، 2015 ވަނަ އަހަރު ތިމާވެއްޓާ ބެހޭ ޕެރިސް އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރެއްވި ބޭފުޅާ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކިކޮށްފަ އެވެ.
އެ ޚަބަރާ އެކު ކެރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަށް އަޅާލާ ސަރުކާރެއް އެމެރިކާގައި ވަރަށް އަވަހަށް ގާއިމްކުރާނެ ކަމަށެވެ. އަދި ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ބައިޑަންގެ ޓީމުގައި ތިމާވެއްޓާ ބެހޭ މަންދޫބެއްގެ ގޮތުގައި ހިމެނުމަކީ ލިބޭ އުފަލެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ޖޯން ކެރީ ވަނީ ބަރަކް އޮބާމާގެ ދެ ވަނަ ދައުރުގައި އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރައްވައިފަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ ތަޖްރިބާކާރު ވަނީ 2004 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވައިފަ އެވެ. ނަމަވެސް ޖޯޖް ޑަބްލިއު. ބުޝްއާ ވާދަކުރައްވައި އެ ފަހަރު ވަނީ ނާކާމިޔާބުވެފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޖޯ ބައިޑަން ހަމަޖެއްސުމަށް ކެރީ ވަނީ މި އަހަރު ތާއީދު ކުރައްވައިފަ އެވެ. އަދި ކެމްޕޭނުގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޚާރިޖީ ވަޒީރުކަމުގެ މަގާމަށް ހަމަޖައްސާ 58 އަހަރުގެ ބްލިންކެން އަކީ ބައިޑަންގެ ޒަމާންވީ އެޑްވައިޒަރެކެވެ. އޮބާމާގެ ވެރިކަމުގައި ބައިޑަން ނައިބް ރައީސަކަށް ހުންނެވި އިރު ބްލިންކަން ވަނީ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމާއި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު އަދާކުރައްވައިފަ އެވެ.
ނޭޝަނަލް އިންޓަލިޖެންސްގެ ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސާނެކަމަށް ބެލެވެނީ އަވްރިން ހައިންސް އެވެ. އަދި ސެކްރެޓަރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ މަގާމަށް ހަމަޖައްސަނީ އަލެހަންދުރޯ މަޔޯކާސް އެވެ.
ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަކަށް ހަމަޖައްސަނީ ހިލަރީ ކްލިންޓަނާއި ބަރަކް އޮބާމާ އަދި ބައިޑަންގެ އަރިހު ކުރިން މަސައްކަތް ކުރެއްވި ޖޭކް ސުލިވަން އެވެ. އޮބާމާގެ ދެވަނަ ދައުރުގައި ސުލިވަން ވަނީ ބައިޑަންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއްގެ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ.
އެމެރިކާ އިން އދ. އަށް ކަނޑައަޅާފައިވާ އެމްބަސެޑަރަކަށް ހަމަޖައްސަނީ ޒަމާންވީ ޑިޕްލޮމެޓް ލިންޑާ ތޯމަސް-ގްރީންފީލްޑެވެ. އޮބާމާގެ ވެރިކަމުގައި އެކަމަނާ ވަނީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ އެފްރިކަން އެފެއާޒްގެ މަގާމު 2013 އިން 2017 އަށް ކުރައްވައިފަ އެވެ.
ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފާއި ޑެޕިއުޓީގެ މަގާމަށް ވެސް ބައިޑަން މިހާރު ވަނީ މީހުން ހަމަޖައްސައިފަ އެވެ.
ބައިޑަންގެ ސަރުކާރުގެ އިސް މަގާމުތަކަށް މީހުން ހަމަޖައްސަމުންދާއިރު ޓްރަމްޕް އަދިވެސް ގެންދަވަނީ ބަލި ގަބޫލްކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ނަމަވެސް ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އެއްބަސްވެވަޑައިގެންފައިވެ އެވެ.
އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ހޯއްދެވި ވޯޓު ވަނީ 5.9 މިލިއަނަށް އަރައިފަ އެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެ އެވެ.