ޕެރިސް (ޑިސެމްބަރު 11) - ފްރާންސްގެ އެންމެ މަތީ ޝަރަފް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އަށް އަރުވައިފަ އެވެ.
ޕެރިހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކެރީ އަށް ލީޝަން ޑި އޮނާ މެޑަލް ހަވާލުކޮށް ދެއްވުމަށް ފަހު ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން މާކް އޭހޫ ވިދާޅުވީ އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓަކީ "ވަރުބަލިވުމެއް ނެތް ސުލްހައިގެ ޗެމްޕިއަނެއް" ކަމަށެވެ. ޑިޕްލޮމެޓިކް ގޮތުން ކެރީ ކުރެއްވި އިޚްލާސްތެރި މަސައްކަތްތަކަށް އޭހޫ ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. މި ގޮތުން މިދިޔަ އަހަރުގެ ތާރީޚީ ތިމާވެށި އެއްބަސްވުމާއި އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ އަދި ސީރިއާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކެރީ ކުރެއްވި މަސައްކަތްތައް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ކެރީ ވިދާޅުވީ ފްރާންސަކީ އެމެރިކާގެ އެންމެ ގިނަ ދުވަސްވީ ރަހުމަތްތެރިޔާ ކަމަށެވެ.
ކެރީގެ މަންމަ އާއި ބޮޑު ދައިތާ 1920 ގެ އަހަރުތަކުގެ ކުރީކޮޅު އުފަންވެފައި ވަނީ ފްރާންސްގަ އެވެ. އަދި ކެރީގެ ޒުވާން ދުވަސްވަރު ފްރާންސްގައި ހުންނަ އާއިލީ ގޭގައި ގިނަގިނައިން ހޭދަކުރައްވާފައިވެ އެވެ.