މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފުރަތަމަ ޖޮބް ފެއާ މި މަހުގެ 31 ގައި ބާއްވަން ނިންމައިފި އެވެ.

އެ ކޮލެޖުން އިއްޔެ ބުނީ "ފަހި ފުރުސަތު" ގެ ނަމުގައި ބާއްވާ އެ ފެއާގެ ބޭނުމަކީ ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިމެމުންދާ ދަރިވަރުންނާއި ވަޒީފާ އަށް އެދޭ މީހުންނާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ މީހުންނާ ގުޅުވައިދިނުން ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި ކަހަލަ އާމްދަނީ އާއި މަސައްކަތުގެ ތަޖުރިބާތައް ވެސް އެ ފެއާ އިން ލިއްބައިދޭނެ ކަމަށް އެމްއެންޔޫ އިން ބުންޏެވެ. އަދި އާންމުންގެ މެދުގައި ހޭލުންތެރިކަން ކުޑަ ދާއިރާތަކަށް ބްރޭންޑުތަކާއި ފުރުސަތުތައް ދައްކައިދޭނެ އެވެ.

ފެއާ އޮންނާނީ 31 ވަނަ ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 10 އަށް އެމްއެންޔޫގެ މައި މަރުކަޒުގަ އެވެ. ކޮންމެ ބަޔަކަށް ވެސް އެ ފެއާ އަށް ޒިޔާރަތްކޮށް، މައުލޫމާތު ހޯދޭނެ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.