ހުޅުމާލެ ކޯޓުގެ ކޯޓު އޮފިސަރުގެ މަގާމުން އަހުމަދު އިބްރާހިމް (ޕޮކްމޭން) ވަކިކުރީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑު އޮފް ކޮންޑަކްޓާ އެތައް ފަހަރަކު ހިލާފުވެގެން ކަމަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ. އޭގެ އިތުރުން އެ ޑިޕާޓްމަންޓުން ވަނީ އޭނާއަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ.

"ޕޮކްމޭން" (ކުރިން ޕޮކަންޑިމޭން) ގެ ނަމުގައި އިދިކޮޅު ކޯލިޝަނަށް ސަޕޯޓުކޮށް ޓްވިޓާގައި ހަރަކާތްތެރި ޒުވާނާ އިއްޔެ ވަޒީފާއިން ވަކިކުރުމުން ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

އެކަމާ ގުޅިގެން ޑީޖޭއޭއިން ބުނީ އެ ޖުޑީޝަރީގެ މުވައްޒަފުންނަކީ ޝަރުއީ ދާއިރާގެ މިނިވަންކަމާއި ގަދަރު ހިފެހެއްޓޭ ގޮތަށް ދިރިއުޅުމުގެ އެހެން ކަންކަމުގައި ވެސް އަމަލުތައް ބަހައްޓަަންޖެހޭ ބައެއް ކަމަށް ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ކޯޑު އޮފް ކޮންޑަކްޓުގައި ބުނާ ކަމަށެވެ.

ނަމަވެސް އަހުމަދު އިބްރާހިމް ހިންގާ އެކައުންޓުން ސިޔާސީ ގޮތުން ވަކި ކޮޅަކަށް ޖެހި، ޝަރުއީ ދާއިރާގެ މިނިވަންކަމާ ބެހޭގޮތުން ސުވާލު އުފެދޭ ފަދަ އަދި އެ ދާއިރާގެ އަގު ވެއްޓޭ ފަދަ ކޮންޓެންޓު ހިމެނޭ ސިޔާސީ އެކްޓިވިސްޓު ދަރަޖައިގެ ޓްވީޓުތައް ކުރަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

"ޝަރުއީ ދާއިރާގެ މުވައްޒަފުން އަމަލުކުރަންޖެހޭ ކޯޑު އޮފް ކޮންޑަކްޓާ އެއްގޮތަށް އަަމަލުތައް ބަހައްޓާކަން ކަށަވަރުކުރުމާއި އެއާ ހިލާފަށް އަމަލުތައް ބަހައްޓާ މުވައްޒަފުންނާ މެދު އިންސާފުވެރި އިދާރި ފިޔަވަޅުތައް އެޅުމަކީ މި ޑިޕާޓްމަންޓުގެ ޒިންމާއެއް ކަމަށްވީ ހިނދު، އެ ގޮތުން ލިބޭ ޝަކުވާތައް މި ޑިޕާޓްމަންޓުން ބަލައި އިންސފުވެރިކަމާއެކު އެއްވެސް މުވައްޒަފަކަށް ތަފާތުކުރުމެއް ނެތި ފިޔަވަޅުތައް އަޅަމުންދެ އެވެ،" ޑީޖޭއޭ އިން މީޑިއާ އަށް ފޮނުވި ލިޔުމެއްގައި ބުނެފައިވެ އެވެ.

އެ ޑިޕާޓްމަންޓުން ބުނީ އަހުމަދު އިބްރާހިމްއާ ބެހޭގޮތުން ލިބުނު ޝަކުވާތައް ބަލައި ތަހުގީގުކުރިއިރު، އެކަންކަމަށް ޖަވާބުދާރީ ވުމަށް އޭނާއަށް އެކަށީގެންވާ ފުރުސަތުދީފައިވާ ކަމަށެވެ. އެ ޝަކުވާތައް އިސްލާހުނުކޮށްފިނަމަ އިތުރު ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދީފައި ކަމަށާއި އެކަންކަން ރަނގަޅުކޮށް އިސްލާހުކުރާނެ ކަމަށް ވެސް އަހުމަދު އިބްރާހިމް ބުނި ކަމަށް ޑީޖޭއޭއިން ބުންޏެވެ.

"މިގޮތަށް އިިންޒާރު ދެވުނު ފަހުން ވެސް ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ކޯޑު އޮފް ކޮންޑަކްޓާ ތަކުރާރުކޮށް ހިލާފުވާ ކަމުގެ ޝަކުވާތައް މި ޑިޕާޓްމަންޓަށް ލިބުމާއެކު، މި ޑިޕާޓްމަންޓުން އެކަން އަލުން ބަލައި ތަހުގީގު ހިންގާފައިވެ އެވެ. މި ތަހުގީގުން ފާހަގަވި ކަންކަމަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި މި އިން އެއްވެސް ކަމަކަށް އޭނާ އިންކާރުކޮށްފައެއް ނުވެ އެވެ،" އޭގައި ވެ އެވެ.

ޑީޖޭއޭ އިން އަހުމަދު އިބްރާހިމަށް ކޮށްފައިވާ ސީރިއަސް ތުހުމަތުގެ ތެރޭގައި، ނޮވެމްބަރު 27، 2017 ގައި ދައުލަތުން ހުށަހެޅި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ފޯމު ސިސްޓަމަށް އެންޓަކޮށްފައިވަނިކޮށް ކޯޓުން މައްސަލަތަކަށް ގަޒިއްޔާ ނަންބަރު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކޯޓުގެ ލިޔެކިޔުންތަކުގެ މައުލޫމާތު ހަގީގަތާ ހިލާފަށް ބަދަލުކޮށް، މައްސަލަ ގެއްލުވާލުން ހިމެނެ އެވެ.

އެކަމުގެ ތުހުމަތު ކުރެވިގެން ކޯޓުން އެދިގެން ޑީޖޭއޭއިން އެ މައްސަލަ ބަލަން ފެށި އެވެ. އެހެންވެ އުފެއްދި ތަހުގީގު ޓީމުގައި ހިމެނޭ މީހުންނަށް ނުރައްކާ އޮތްކަމަށް ގަބޫލުކުރެވުމުން އެ މައްސަލަ ބެލުމަށް ޕޮލިހަށް ވެސް ހުށަހެޅި އެވެ.

އޭގެ ފަހުން، ކޯޓުގެ މުހިއްމު ލިޔެކިޔުންތަކެއް ހިމެނޭ ހާޑު ޑިސްކެއް، އޭގައި ހުރި މުހިއްމު މައުލޫމާތު ފަސޭހައިން އަނބުރާ ނުލިބޭ ވަރަށް ގަސްތުގައި ހަލާކުކޮށްލުމުގެ ތުހުމަތު ވެސް ވަނީ އޭނާގެ މައްޗަށް ކޮށްފަ އެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޕޮކަންޑިމޭން މިރޭ "މިހާރު" އަށް ބުނީ ވަޒީފާއިން ވަކިކުރުމާ ހަމައަށް އެއްވެސް ކަމެއްގައި ފިޔަވަޅު އަޅާފައި ނުވާ ކަމަށާއި ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށެވެ.

ވަޒީފާއިން ވަކިކޮށް ޑީޖޭއޭއިން އޭނާއަށް ފޮނުވި ސިޓީގައި މި ހުރިހާ ތުހުމަތެއްގެ ވާހަކައެއް ނެތެވެ.

"އެއީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް. އެ ސިޓީގައި އެފަދަ އެއްވެސް ވާހަކައެއް ނެތް. އޭގައި ވެސް ބުނެފައި ވަނީ ޓްވީޓުކޮށްގެން ކަމަށް ވަކިކުރީ،" އޭނާ ބުންޏެވެ.