ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ބޭއްވި އިވެންޓް ހުއްޓުވުމުގައި ސަލަޖަމިއްޔަތުއް ސަލަފުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގަލޮޅު ދަނޑުގައި ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކުގެ އަޑީގައި ސަލަފް ޖަމިއްޔާ އޮތް ކަމަށް ދޭހަވާ ގޮތަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ދެއްކެވި ވާހަކަތައް ވެސް ކުށްވެރިކުރާ ކަމަށާއި އެ ވާހަކަތައް ދޮގުކުރާ ކަމަށެވެ.
މިއަދު ހެނދުނު 6:30 ހާއިރު ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް، ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެން "ﷲ އަކްބަރު" އޭ ގޮވަމުން އެ މީހުން ވަން ގޮތަށް ވަނީ ޔޯގާ ހަދަން ތިބި މީހުންނަށް އިންޒާރު ދީ ތަކެއްޗަށް ގެއްލުންދީފަ އެވެ.
އެ މައްސަލައާ ގުޅިގެން ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މަހްލޫފް ތުހުމަތުކުރެއްވީ ޕީޕީއެމްގެ އިސް ސަފުގައި އުޅޭ މީހުންނާއި ޖަމިއްޔަތުލް ސަލަފް ވެސް އެކަމުގައި އަޑީގައި ތިބެގެން ކުރި ކަމެއްގެ ގޮތުގަ އެވެ.
އެކަމަކު އެ ތުހުމަތުތައް ދޮގުކޮށް ސަލަފުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގަލޮޅު ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުން އެ ޖަމިއްޔާގެ ބޮލުގައި އެޅުވުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ.
"މަދަނީ ޖަމިއްޔާތަކުގެ ބެލެނިވެރިކަމުގެ މަގާމުގައި ހުންނަވައި ކަމުގެ ހަގީގަތް ބެލުމެއް ނެތި މިފަދަ ނުރައްކާތެރި ތުހުމަތެއް ކުރެއްވުމަކީ ޖަމިއްްޔަތުއް ސަލަފާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ނާތަހުޒީބް އަމަލެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ ރާއްޖޭގައި ޔޯގާގެ ކަންކަން ހިންގަން ފެށި ހިސާބުން ފެށިގެން އަބަދުވެސް އެކަމުގެ ހުކުމާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށްއެ ޖަމިއްޔާއިން މަސައްކަތްކުރަމުންދިޔަ ކަމަށެވެ. އެކަމަކު އެ ޖަމިއްޔާއަކީ އެއްވެސް ހާލެއްގައި ޝަރުއީ ހުދޫދުން ބޭރުން ގައުމުގެ އަމަން އަމާންކަން ނަގާލައި ފަރުދުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ ގައުމުގެ ސަލާމަތް ބަލަހައްޓާ ފަރާތްތަކާ ކުރިމަތިލާ ހިންގާ "ވަޔަލެންޓް" ހަރަކާތްތަކަށް ތާއީދުކުރާނެ ބައެއް ނޫން ސަލަފުން ބުންޏެވެ.
"އެ ހަރަކާތަކީ [ޔޯގާ ހުއްޓުވަން ހިންގި ހަމަނުޖެހުން] ޖަމިއްޔަތުއް ސަލަފާ ގުޅުންހުރި ހަރަކާތެއް ނޫންކަން އެކަން ހިންގުމުގެ ކުރިން ވާނީ ހާމަކޮށްފައި."
މި ހަރަކާތް ހުއްޓުވައިދިނުމަށް އެދި ސަލަފުން ވަނީ ޔޫތު މިނިސްޓަރަށް އިއްޔެ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އަދި އެ ޖަމިއްޔާގެ ބައެއް މީހުން ވަނީ އެ ހަރަކާތާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކޮށްފަ އެވެ.