މެޑްރިޑް (މާޗް 17) – ހަމެސް ރޮޑްރިގޭޒްގެ ކޮންޓްރެކްޓް ދާއިމީކުރަން ބަޔާން މިއުނިކުން ބޭނުންނުވެއްޖެ ނަމަ އޭނާ 50 މިލިއަން ޔޫރޯ އަށް އެހެން ކްލަބަކަށް ވިއްކާލަން، އޭނާގެ ބެލެނެވެރި ކްލަބް، ރެއާލް މެޑްރިޑުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެ އަހަރުގެ ލޯނެއްގެ ދަށުން ބަޔާން މިއުނިކަށް ބަދަލުވި ރޮޑްރިގޭޒްގެ ލޯންގެ މުއްދަތު މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އޭނާގެ ކޮންޓްރެކްޓް 35 މިލިއަން ޔޫރޯ އަށް ދާއިމީ ކުރުމުގެ ފުރުސަތު ބަޔާން އަށް އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކަޓައި ސްކޮޑް އަލުން ބިނާކުރާއިރު ރޮޑްރިގޭޒަށް ފުރުސަތު ނެތް ކަމަށް ވެސް ވާހަކަދެކެވެ އެވެ. އެކަމަކު އެހެން ރިޕޯޓްތައް ބުނަނީ އޭނާ ބަހައްޓަން ބަޔާނުން ބޭނުންވިޔަސް އެ ކްލަބުގައި މަޑުކުރަން އޭނާ ބޭނުންނުވާ ކަމަށެވެ.

އަނެއްކޮޅުން ރޮޑްރިގޭޒަކީ މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާންގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިޔެއް ވެސް ނޫނެވެ. އެހެންވެ ރެއާލް މެޑްރިޑުން އޭނާ ގަންނަން ބޭނުންވާ ކްލަބްތަކަށް ފުރުސަތު ހުޅުވާލީ އެވެ. ޕޯޓޯ އާއި މޮނާކޯގެ ކުރީގެ މިޑްފީލްޑަރު 2014 ވަނަ އަހަރު މެޑްރިޑާ ގުޅުނީ އެ އަހަރުގެ ވޯލްޑް ކަޕުގައި ދެއްކި މޮޅު ކުޅުމަށް ފަހު އެވެ. މެޑްރިޑުން އޭނާ ގަތީ 83 މިލިއަން ޑޮލަރަށެވެ.

މެޑްރިޑުން 50 މިލިއަން ޔޫރޯ އަށް އަގުކޮށްފައިވާ ރޮޑްރިގޭޒް އަށް ޔުވެންޓަސް އާއި ނަޕޯލީން ޝައުގުވެރިވާކަމަށްވެ އެވެ.