ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު، ޖޭމްސް ކެމަރަންގެ ފިލްމު "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ސިނަމާތަކުގައި އެޅުވިތާ އަދި މިވީ 35 ދުވަހެވެ. އެވަޓާ ސިކުއެލްގެ ފުރަތަމަ ބައި، އަދި ސިނަމާގެ ތާރިހުގައި އެންމެ ކާމިޔާބު ފިލްމު "އެވަޓާ" ގެ ދެވަނަ ބައި އެނބުރި ސްކްރީނަށް އައިސްފާ މި އައީ 13 އަހަރު ފަހުންނެވެ.
ކެމަރަން މީގެ ކުރިން ބުނި ގޮތުގައި، ދިގު އިންތިޒާރުތަކެއްގެ ނިމުން ގެނެސްދިން އެ ފިލްމުގެ ހަރަދުތަކަށް ފަހު ފައިދާއެއް ހޯދަން މަދުވެގެން ދެ ބިލިއަން ޑޮލަރު ބޭނުންވެ އެވެ. ގިނަ ބަޔަކު ހީކުރި ގޮތަށް، ފިލްމުގެ އާމްދަނީ މި ހަފްތާގައި ދެ ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ރިލީޒް ކުރި އެވަޓާ 2 އަށް މިހާތަނަށް 1.9 ބިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
އާމްދަނީގެ ގޮތުން ފުރަތަމަ ބަޔާ އެއްވަރު ނުވި ނަމަވެސް، "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދާ، ގިނަ ކާމިޔާބުތަކެއް ހޯދަމުންނެވެ. އެވަޓާގެ ފުރަތަމަ ބަޔަށް ވަނީ 2.9 ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީ އެއް ލިބިފަ އެވެ.