މަޝްހޫރު ފިލްމު ސީކުއެލް، "ޖޭމްސް ބޮންޑް" ގެ ޓައިޓަލް ކެރެކްޓާ "007" ނުވަތަ ޖޭމްސް ބޮންޑުގެ ރޯލު އެންމެ ފުރަތަމަ ލިބުނު އެކަކަކީ، އަޔަލޭންޑުގެ މަޝްހޫރު އެކްޓަރު ލިއަމް ނީސަން އެވެ.

ފަހުގެ އިންޓަވިއުއެއްގައި ލިއަމް ބުނި ގޮތުގައި، 1990 ގެ އަހަރުތަކުގެ ތެރޭގައި، "ޖޭމްސް ބޮންޑު" ފިލްމުގެ ޕްރޮޑިއުސަރު، ބާބަރާ ބްރޮކޮލީ އެތައް ފަހަރެއްގެ މަތިން އޭނާ އަށް ގުޅައި، އެ ރޯލަށް ޝައުގުވެރިކަން ހުރިތޯ އަހާފައިވެ އެވެ.

ލިއަމް އާއި އޭނާގެ އަންހެނުން ނަޓާޝާ ރިޗާޑްސަން
ލިއަމް އާއި އޭނާގެ އަންހެނުން ނަޓާޝާ ރިޗާޑްސަން

އޭރު ލިއަމް އަށް ވަނީ "ޝިންޑްލާސް ލިސްޓް" ފިލްމުގެ ރޯލުން އޮސްކާގެ އެންމެ މޮޅު އެކްޓަރަށް ވެސް ނޮމިނޭޓުވެފަ އެވެ. އުފެދޭނެ ސުވާލަކީ، ސިނަމާގެ ތާރިހުގައި މިހާތަނަށް ނިކުތް އެންމެ "އައިކޮނިކް" އެކްޝަން ރޯލު އޭނާ ރިޖެކްޓު ކުރީ ކީއްވެތޯ އެވެ.

ލިއަމް ކިޔައިދިން ގޮތުގައި، "ޝިންޑްލާސް ލިސްޓު" ނިކުތް ދުވަސްކޮޅު ބާބަރާ އޭނަ އަށް ގުޅައި ޝައުގުވެރިކަން ހުރިތޯ އެހުމުން އޭނާ ފުރަތަމަ އާއެކޭ ބުންޏެވެ.

ލިއަމް އާއި އޭނާގެ އަންހެނުން ނަޓާޝާ
ލިއަމް އާއި އޭނާގެ އަންހެނުން ނަޓާޝާ

އެކަމަކު ލިއަމް ބުނި ގޮތުގައި އޭނާ އެހެން ބުނި ފަހުން، ބައިވެރިޔާ ނަޓާޝާ ވަނީ ލިއަމް ޖޭމްސް ބޮންޑު ކުޅެފި ނަމަ ކައިވެނި ނުކުރާނެ ކަމަށް ބުނެފަ އެވެ. އެއީ ލިއަމް ބުނި ގޮތުގައި ޖޭމްސް ބޮންޑުގެ ޝޫޓިންގައި އެކި ގައުމުތަކުން އެތައް ބައިވަރުން އަންހެނުންނަކާ ދިމާވާނެތީ ނަޓާޝާ ކުރި ޝަރުތެކެވެ.

ލިއަމް އާއި އޭނާގެ އަންހެނުން ނަޓާޝާގެ ކައިވެނީގެ ހަފްލާގެ ތެރެއިން
ލިއަމް އާއި އޭނާގެ އަންހެނުން ނަޓާޝާގެ ކައިވެނީގެ ހަފްލާގެ ތެރެއިން

ލިއަމް އާއި ނަޓާޝާ 1994 ވަނަ އަހަރު ކައިވެނިކުރި އެވެ. އެކަމަކު 2009 ވަނަ އަހަރު ކެނެޑާގައި ސްކީ ކުރަނިކޮށް ހިނގި އެކްސިޑެންޓެއްގައި ނަޓާޝާ މަރުވީ އެވެ. ލިއަމް އޭގެ ފަހުން ކައިވެންޏެއް ނުކުރެ އެވެ.

"ޖޭމްސް ބޮންޑު" ސީކުއެލްގެ ފަސް ފިލްމުގައި ޖޭމްސް ބޮންޑުގެ ރޯލު ކުޅެފައި ވަނީ މަޝްހޫރު އިނގިރޭސި އެކްޓަރު ޑެނިއެލް ކްރެއިގް އެވެ.