ޖަމާލުއްދީން ސްކޫލް (ޖޭއެސް) ގެ ޕްރިންސިޕަލް ހަސަން މުހައްމަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ހަސަންގެ އިތުރުން އެ ތަނުގެ އެޑްމިނިސްޓްރޭޓަރު ވެސް އެ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ޖޭއެސްގެ އޮފީސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ކިޔެވުން ބަރާބަރަށް ކުރިއަށް ގެންދެ އެވެ.
އެނގިފައިވާ ގޮތުގައި ހަސަން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މީގެ ދެތިން ދުވަސް ކުރިންނެވެ. އޭނާ ފޯނުން ޖަވާބު ނުދެއްވާތީ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތެއް އަދި ސާފެއް ނުވެ އެވެ.
ޖޭއެސްގެ ޕްރިންސިޕަލާއި އެޑްމިނިސްޓްރޭޓަރު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ތަނުގައި ދެން ތިބި މުވައްޒަފުން ވަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ބައްޔަށް ޓެސްޓުކޮށްފަ އެވެ. މާސްކު އަޅައި ގައިދުރުކަން ބަހައްޓާފައި ހުރުމުން ކޮންޓެކްޓުންގެ ގޮތުގައި އެ މުވައްޒަފުން ނުބަލާ ކަމަށް ވެ އެވެ.
ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބެންދެން އެ މުވައްޒަފުން މިއަދާއި މާދަމާ މަސައްކަތް ކުރާނީ ގޭގަ އެވެ.
"ދަރިވަރުންނަށް އެކަމުން އަސަރެއް ނެތް. ޕްލޭނާ އެއްގޮތަށް ކިޔެވުން ކުރިއަށް އެބަދޭ،" ސްކޫލުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
ދޮޅު މަސް ދުވަހުގެ ބަންދަކަށް ފަހު ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.ޗޮވިދ އޭގެ ފަހުން ސްކޫލުތަކުން ކޮވިޑަށް ޕޮޒިޓިވްވި ދަރިވަރުންނާއި ޓީޗަރުން ފެނިފައިވިއަސް، އެ ތަންތަނުގައި ބަލި ފެތުރެމުންދާ ކަމަކަށް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.