ޓޯކިޔޯ (އޯގަސްޓް 1) - ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގެ އަންހެނުންގެ 100 މީޓަރު ސްޕްރިންޓުގެ ހުރިހާ މެޑަލެއް ޖަމައިކާގެ ދުވުންތެރިން ހޯދައިފި އެވެ.
ފައިނަލުގައި އަށް ދުވުންތެރިން، ސްޓާޓްލައިންގައި ތިބިއިރު އޭގެ ތެރެއިން މެދުގައި ތިބި ހަތަރު އެތުލީޓުންނަކީ މި ވަގުތު ދުނިޔޭގައި ތިބި އެންމެ ބާރު ދުވުންތެރިންނެވެ. އަންހެނުންގެ ދުވުމުގެ ތާރީހުގައި އެންމެ ބާރު ދުވުންތެރިން އުފެއްދީ ޖަމައިކާއިންނެވެ. ރަން މެޑަލް އިއްޔެ ހޯދި އެލޭން ތޮމްސަން ހޭރާ ރޭސް ނިންމީ 10.61 ސިކުންތުންނެވެ.
ރަން މެޑަލް ހޯދުން އެކަންޏެއް ނޫނެވެ. އެ ޓައިމިންގައި ނިންމައި އޭނާ ވަނީ އޮލިމްޕިކުގެ ރެކޯޑު މުގުރާލައިފަ އެވެ. ކުރިން އެ ރެކޯޑް އޮންނަނީ 1988 ގެ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި ފްލޮރެންސް ގްރިފިތު ޖޮއިނާގެ ނަމުގަ އެވެ. އެމެރިކާ އަށް ނިސްބަތްވާ ޖޮއިނާ ރޭސް ނިންމީ 10.62 ސިކުންތުންނެވެ. އިއެލޭން ތޮމްސަން ހޭރާ އަކީ މިހާރު ދުނިޔޭގައި ހުރި ދެ ވަނަ އަށް އެންމެ ބާރު އަންހެން ދުވުންތެރިޔާ އެވެ. އަންހެނުންގެ 100 މީޓަރުގެ ރެކޯޑް އޮންނަނީ ވެސް ޖޮއިނާ އަތުގަ އެވެ. އޭނާ އެ ރެކޯޑް ހެދީ ޖުލައި 1988 ގަ އެވެ.
ޓޯކިޔޯ އޮލިމްޕިކްސްގައި އިއްޔެ، ރޭސް ނިންމުމުގެ މާ ކުރިން ތޮމްސަން ހޭރާ އުފާފާޅު ކުރަން ފެށި އެވެ. އޭނާގެ ފަހަތުން ދުވަމުން އައި އޭނާގެ އަމިއްލަ ގައުމުގެ އެތުލީޓުންގެ ތެރެއިން ދެ ވަނައިގައި ރޭސް ނިންމީ ޝެލީ އެން ފްރޭޒާ ޕްރޭސް އެވެ. އޭނާގެ ވަގުތަކީ 10.74 ސިކުންތެވެ.
ތިން ވަނައިގައި 10.76 ސިކުންތުން ރޭސް ނިންމި ޓީނާ ޑެނިއަލްސް ވަނީ އޭނާގެ އަމިއްލަ ކެރިއާގައި އެންމެ އަވަހަށް ރޭސް ނިންމި ރެކޯޑް ހަދައިފަ އެވެ.