ސްރީ ލަންކާގެ މަޝްހޫރު އެކްޓްރެސް، ޖެކޮލިން ފެނާންޑެޒް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ ތުހުމަތުކުރި އިންޑިއާގެ ވިޔަފާރިވެރިޔާ ސުކޭޝް ޗަންދްރަޝެކަރު ޖަލުގައި ހުރެ އޭނާ އަށް ލޯބީގެ ސިޓީއެއް ފޮނުވައިފި އެވެ.
ސުކޭޝް އަކީ ދެ ބިލިއަން އިންޑިއަން ރުޕީސް (24 މިލިއަން ޑޮލަރު) ގެ މަނީ ލޯންޑަރިންގެ މައްސަލައަކާއި، ހިޔާނާތުގެ އެކި މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. ސުކޭޝްއާ ގުޅުމެއް އޮތްކަމަށް ޖެކޮލިން ދެކޮޅުހެދި ނަމަވެސް، އޭނާއާ އެކު ނަގާފައިވާ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ.
"ހިންދުސްތާން ޓައިމްސް" އިން ބުނި ގޮތުގައި، އިންޑިއާގެ މަންޑޯލީ ޖަލުގައި ހުރެ ސުކޭޝް ލިޔުނު ލޯބީގެ ސިޓީގައި އޭނާ ވަނީ ޖެކޮލިން ދެކެ ވާ ލޯބި ހާމަކޮށްފަ އެވެ. އަދި ސުކޭޝް، ޖެކޮލިން ސިފަކޮށްފައި ވަނީ އޭނާ އަށް ލިބުނު "އެންމެ ބޮޑު ހަދިޔާ" ގެ ގޮތުގަ އެވެ.
ސުކޭޝްގެ އުފަންދުވަހު ލިޔުނު އެ ސިޓީގައި އޭނާ ޖެކޮލިން މަތިން ވަރަށް ހަނދާންވާކަމަށް ލިޔެފައިވެ އެވެ.
ލޯބީގެ ސިޓީއެއް ޖަލުގައި ހުރެ ޖެކޮލިން އަށް ފޮނުވި ކަމަށް ބުނި ނަމަވެސް، ބޮލީވުޑްގެ ބަތަލާ އަންނަނީ ތަކުރާރުކޮށް އެ ގުޅުމަށް އިންކާރު ކުރަމުންނެވެ. އެ ދެމީހުން ރައްޓެހިވެގެން އުޅުނު އިރު، ސުކޭޝް ވަނީ ޖެކޮލިން އަށް އަގުބޮޑެތި ގިނަ ހަދިޔާތަކެއް ވެސް ގަނެދީފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
ޖެކޮލިންގެ އިތުރުން، ނޯރާ ފަތޭހީ އާއި މަޝްހޫރު އެކި ފަންނާނުންނާ އެކު ވެސް ސުކޭޝް ގުޅުން ބޭއްވި ކަމަށް ތުހުމަތުކުރެ އެވެ. އެ މައްސަލައިގާ ނޯރާއާ ގުޅޭ ގޮތުން ދޮގު ހަބަރު ފެތުރިކަމަށް ބުނެ އޭނާ ވަނީ ޖެކޮލިން އާއި ބައެއް މީޑިއާތަކާ ދެކޮޅަށް އަބުރުގެ ދައުވާ ވެސް ކޮށްފަ އެވެ.