ޗައިނާ އަށް އުފަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެކީ ޗެންގެ ކުރިއަށް އޮތް ފިލްމް "ކުންގް ފޫ ޔޯގާ" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.
މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ ޖެނުއަރީ މަހުގެ 28 ގަ އެވެ. ފިލްމުގެ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
"ކުންގް ފޫ ޔޯގާ" ގައި ޗެން އާ އެކު މި ފަހަރު ބޮލީވުޑްގެ ތަރިންތަކެއް ވެސް ފެނިގެން ދާނެ އެވެ.
އެގޮތުން ފިލްމުގެ ބަތަލާއިންގެ ގޮތުގައި، އިމްރާން ހާޝިމީ ލީޑް ރޯލުން ފެނިގެން ދިޔަ "މިސްޓަ އެކްސް" ގެ ބަތަލާ އަމީރާ ދަސްތޫރާއި މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި "އެމްއެސް ދޯނީ: ދި އަންޓޮލްޑް ސްޓޯރީ" އިން ފެނިގެން ދިޔަ ބަތަލާ ޑިޝާ ޕަޓާނީ ބައިވެރިވާނެ އެވެ.
މީގެ އިތުރުން ފިލްމުގެ ވިލަންގެ ރޯލުން ފެނިގެން ދާނީ ސޯނޫ ސޫދެވެ. ސޯނޫ ކުޅުނު ރޯލް ކުރިން ހުށަހެޅީ އާމިރް ހާނަށެވެ. ނަމަވެސް ފިލްމަށް ވަގުތު ދެވެން ނެތުމުން އެ ރޯލް އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
މިއީ ބޮލީވުޑްގެ ތަރިންތަކަކާ އެކު "ޝަންހާއީ ނޫން" އާއި "ރަޝް އަވާ" ފަދަ ފިލްމްތައް ކުޅެފައިވާ ޗެން މަސައްކަތް ކުރި ފުރަތަމަ ފިލްމެއް ނޫނެވެ. އޭނާގެ "ދަ މިތު" ގައި 2005 ވަނަ އަހަރު ބޮލީވުޑްގެ ބަތަލާ މަލިކާ ޝެރާވަތު ވެސް ހަރަކާތްތެރިވެފައިވެ އެވެ.
"ކުންގް ފޫ ޔޯގާ" އަކީ އިންޑިއާ އާއި ޗައިނާ ގުޅިގެން ހަދަން ނިންމާފައިވާ ތިން ފިލްމުގެ ތެރެއިން އެއް ފިލްމެވެ.
ދެ ގައުމު ގުޅިގެން ފިލްމް ހެދުމުގެ އެއްބަސްވުމެއްގައި ސޮއި ކުރީ ޗައިނާގެ ރައީސް ޝީ ޖިންޕިން 2014 ގައި އިންޑިއާ އަށް ކުރެއްވި ދަތުރުގަ އެވެ.
ސްޓެންލީ ޓޮންގް ޑައިރެކްޓްކޮށްފައިވާ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ "ކުންގް ފޫ ޔޯގާ" ޝޫޓްކޮށްފައި ވަނީ ޗައިނާ އާއި އައިސްލެންޑްގަ އެވެ. ފިލްމުގައި ދައްކުވައި ޓިބެޓަށް ގެއްލިފައިވާ އިންޑިއާގެ އާސާރުތަކެއް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ކަންތައްތަކެވެ.