ޖެކީ ޗެން އާއި ކްރިސް ޓަކާގެ މަޝްހޫރު އެކްޝަން ކޮމެޑީ "ރަޝް އަވާ" ގެ ހަތަރު ވަނަ ބައި ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ ކަމަށާއި އޭގެ ސްކްރިޕްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް ޖެކީ ޗެން ބުނެފި އެވެ.

ދަ ކްރުޒް ޝޯގައި ޗެން ބުނީ ސްކްރިޕްޓްގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށާއި މިހާރު ކުރިއަށް ދަނީ އޭގެ ދެވަނަ ޑްރާފްޓް ކަމަށެވެ.

"އެހެންވީމާ އަންނަ އަހަރުގެ ތެރޭގައިު ފިލްމުގެ މަސައްކަތް ފެށޭނެ ކަމަށް އުންމީދުކޮށްގެން މި ހުރީ،" ހޮންކޮންގަށް އުފަން 63 އަހަރުގެ އެކްޓަރު ބުންޏެވެ.

ޗެން ބުނީ އޭނާ އާއި ކްރިސް ވެސް "ރަޝް އަވާ 4" ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ވަރަށް ބޭނުންވާ ކަމަށެވެ.

"އަހަރެމެން ދެ މީހުން މާ ބޮޑަށް މުސްކުޅިވުމުގެ ކުރިން މީގެ ރަޝް އަވާފެ ހަތަރު ވަނަ ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން އަބަދު ވެސް ވާހަކަ ދެކެވޭ،" އޭނާ ބުންޏެވެ. "އެންމެ ފަހުން މިކަން ވާން އުޅޭތީ އަހަރެމެން މިހާރު މިތިބީ ވަރަށް ހިތްހަމަޖެހިފައި."

ކްރިސް 2012 ގައި ވަލްޗާ އަށް ދިން އިންޓަވިއުއެއްގައި ވެސް "ރަޝް އަވާ 4" ގެ ވާހަކަ ދައްކާފައިވެ އެވެ. އޭރު ވެސް އޭނާ ބުނީ އުންމީދުކޮށްގެން ހުރީ ހަތަރު ވަނަ ބަޔަކާ ހަމައަށް ދެވޭނެ ކަމަށެވެ.

"ރަޝް އަވާ" ގެ ފިލްމެއް އެންމެ ފަހުން ސިނަމާތަކަށް އައީ 2007 އެވެ. މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމް ނެރުނީ 1998 ގަ އެވެ. އަދި ދެވަނަ ފިލްމް ރިލީޒް ކުރީ 2001 އެވެ.

ބްރެޓް ރަޓްނާ ޑައިރެކްޓް ކުރާ މި ފްރެންޗައިޒްގެ ތިން ވަނަ ފިލްމަށް ބޮކްސް އޮފީހުގައި 258 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.