ބޮލީވުޑްގެ ލޯބީގެ ފިލްމެއް ކުޅެލަން ވަރަށް ބޭނުންވާ ކަމަށާއި ޑައިރެކްޓަރަކު ފުރުސަތެއް ދީފި ނަމަ ގަބޫލު ކުރާނެ ކަމަށް މަޝްހޫރު އެކްޓަރު ޖެކީ ޗެން ބުނެފި އެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމު "ކުންގް ފޫ ޔޯގާ" ގެ ޕްރޮމޯޝަނަށް މިހާރު އިންޑިއާ އަށް ގޮސް ހުރި ޖެކީ ޗެން ބުނީ ބޭނުން ވަނީ އެއްވެސް ވަރަކަށް ތަޅާފޮޅައި ނުހަދާ ކަހަލަ ލޯބީގެ، ނަށާ ފިލްމެއް ކުޅެލަން ކަމަށެވެ.

"ކޮންމެވެސް ޑައިރެކްޓަރު އަހަރެން ލައްވާ މިކަން ކުރުވަބަލަ. އަހަރެން ބޭނުން ހިންދީ ފިލްމެއް ކުޅެލަން،" ޝާންހާއީ ނޫން އާއި ރަޝް އަވާ ފަދަ ފިލްމުތައް ކުޅެފައިވާ 62 އަހަރުގެ އެކްޓަރު ބުންޏެވެ. "އަހަރެންގެ އެންމެ ބޮޑު އެއް ހުވެފަނަކީ ވެސް ކޮންމެވެސް ދުވަހަކުން ބޮލީވުޑް ފިލްމެއް ކުޅުން."

އޭނާ ބުނީ މީގެ ކުރިން ވެސް ހިންދީ ފިލްމެއް ކުޅެން ވާހަކަތަކެއް ދެކެވުނު ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއް ނުވި ކަމަށެވެ.

ސްޓޭންލީ ޓޮންގް ޑައިރެކްޓްކޮށްފައިވާ "ކުންގް ފޫ ޔޯގާ" އަކީ ޖެކީ ޗެންއާ އެކު ބޮލީވުޑްގެ ތަރިންތަކެއް ފެނިގެންދާ ފިލްމެކެވެ.

އޭގެ ތެރޭގައި ސޯނޫ ސޫދު، އަމީރާ ދާސްތޫރް އަދި ޑިޝާ ޕަޓާނީ ހިމެނެ އެވެ.

ހިންދީ ފިލްމެއްގައި މަސައްކަތްކޮށްލާނެ ފުރުސަތެއް ތަނަވަސް ނުވި ނަމަވެސް، ޖެކީ ޗަންއަކީ އިންޑިއާގެ ތަރިންނާ ވަރަށް ގުޅުން ބޮޑު، މީގެ ކުރިން ވެސް އިންޑިއާގެ ތަރިންނާ އެކު މަސައްކަތްކޮށްފައިވާ އިންޑިއާގައި ވަރަށް މަޝްހޫރު އެކްޓަރެކެވެ.

އެގޮތުން އޭނާ ވަނީ "މާޑާ" ފަދަ ފިލްމްތައް ކުޅެފައިވާ މަލިކާ ޝެރާވަތުއާ އެކު ދަ މިތު (2005) ގައި މަސައްކަތްކޮށްފަ އެވެ. އެ ފިލްމަކީ ވެސް ސްޓޭންލީ ޑައިރެކްޓް ކުރި ފިލްމެކެވެ.

ހުކުރު ދުވަހު ރިލީޒް ކުރާ "ކުންގް ފޫ ޔޯގާ" އަކީ އިންޑިއާ އާއި ޗައިނާ ގުޅިގެން މަސައްކަތް ކުރަން ޗައިނާގެ ރައީސް ޝީ ޖިން ޕިން އެންމެ ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުގައި ސޮއި ކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ހެދި ފިލްމެކެވެ.

އެއްބަސްވުމުގައިވާ ގޮތުން ދެ ގައުމުގެ ޖޮއިންޓް ވެންޗާއަކުން ތިން ފިލްމް ހަދަން ޖެހެ އެވެ.