އަންހެނުންނަށް ޖިންސީ ފުރައްސާރަކުރި މައްސަލަތަކުން މި ފަސް އަހަރުގެ ތެރޭގައި ދައުވާކުރަން ފޮނުވީ އެންމެ މައްސަލައެއް ކަމަށް ޕޮލިހުން މިއަދު ބުނެފި އެވެ.
އަންހެނުންނަށް ކުރާ އަނިޔާތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕޯކްސްޕާސަން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށްގެން މުޅި ޖުމްލަ 36 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް މިދިޔަ ފޮނުވީ އެންމެ މައްސަލައެކެވެ. އެއީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.
އެ މައްސަލައަކީ މަގުމަތިން އަންހެނަކާ ފޮށުނު އުމުރުން ދުވަސްވީ ފިރިހެނެއްގެ މައްސަލައެކެވެ. އެ މައްސަލައިގައި ތުހުމަތުކުރާ ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
"ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި ފުރަތަމަ ފިޔަވަޅު މި އަހަރު އެޅިފައިވަނީ. ނަމަވެސް ރަނގަޅަށް ހިނގައިގަންނަން ބައިވަރު މަސައްކަތްތައް ކުރަންޖެހޭ،" އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްމިއާ ވިދާޅުވި އެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގާއި ވާހަކަދެއްކި ކަމުގައި ވިއަސް އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރާ މިންވަރު މަދެވެ. އެގޮތުން 2015 ވަނަ އަހަރު އެއް މައްސަލަ ހުށަހެޅިއިރު 2017 ވަނަ އަހަރު އެފަދަ ނުވަ މައްސަލައެއް، 2018 ވަނަ އަހަރު 18 މައްސަލައެއް އަދި މިިދިޔަ މަހުގެ ނިޔަލަށް އަށް މައްސަލައެއް ހުށަހެޅި އެވެ.
ގެވެށި އަނިޔާގެ މައްސަލަތައް ވެސް ރިޕޯޓުކޮށްފައިވާ މިންވަރާ އަޅާބަލާއިރު، ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މަދު މައްސަލައެކެވެ. މީގެ ކުރިން 2015 ވަނަ އަހަރު 32 މައްލައެއް ހުށަހެޅިއިރު 17 މައްސަލައެއް ފައިލްކޮށް އެއް މައްސަލައިގައި ދައުވާކުރަން ކޯޓަށް ފޮނުވާފައި ވެ އެވެ. އެއަށްފަހު 2016 ވަނަ އަހަރު 117 މައްސަލަ ހުށަހެޅިއިރު 117 މައްސަލަ ފައިލްކޮށް 15 މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައި ވެ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު 107 މައްސަލައެއް ހުށަހެޅިއިރު 96 މައްސަލައެއް ފައިލްކޮށް ދައުވާކުރުމަށް ނުވަ މައްސަލައެއް ފޮނުވާފައި ވެ އެވެ. މިދިޔަ އަހަރުު އެފަދަ 96 މައްސަލައެއް ހުށަހެޅިއިރު 94 މައްސަަލައެއް ފައިލްކޮށްފައި ވެ އެވެ. ޕީޖީ އަށް ފޮނުވާފައިވަނީ ތިން މައްސަލައެކެވެ.
މިދިޔަ މަހުގެ ނިޔަލަށް 60 މައްސަލައެއް ހުށަހެޅިއިރު 65 މައްސަލައެއް ރިޕޯޓުކޮށްފައި ވެ އެވެ. ދައުވާކުރަން ފޮނުވީ ހަތަރު މައްސަލައެކެވެ.
އޮރިޔާންކާޑު ބޭނުންކޮށްގެން ބިރު ދެއްކުމުގެ މައްސަލަަތައް ވެސް ހުށަހަޅާފައި ވެ އެވެ. އިޒްމިއާ ވިދާޅުވީ އޮރިޔާން ކާޑުގެ މައްސަލަތައް ގިނައިން ހުށަހަޅާފައިިވަނީ އިނދެގެން އުޅޭ ދެމީހުންނާއި ރައްޓެހިވެގެން އުޅޭ ދެމީހުންގެ ދެމެދުގައި ކަމަށެވެ. އެގޮތުން ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހޭއިރު އެ ފޮޓޯތައް ބޭނުންކޮށްފައިވަނީ ބްލެކްމެއިލްކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ކަމަަށާއި ފޮޓޯތައް ލީކްކޮށްލަފާނެކަމުގެ ބިރަށްޓަކައި ބައެއް މީހުން، އެމީހުންގެ ފިރިން ކައިރިން ވަރިވާން ނޭދި އަނިޔާ ތަހައްމަލްކުރާ ކަމަށް ވިދާޅުވި އެވެ.
ރައްޓެހިވެގެން އުޅޭ ދެ މީހުން ވެސް، ރުޅިވާން މަސައްކަތްކުރުމުން، ހަތިޔާރެއްގެ ގޮތުން އެ ފޮޓޯތައް ބޭނުންކުރާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވަނީ މީހަކަށް ކިތައްމެ އިތުބާރެއް ކުރިނަމަ ވެސް އަމިއްލަ ނަފްސަށް ކުރާ އިހްތިރާމެއްގެ ގޮތުން އެފަދަ ފޮޓޯ ނުނެގެމަށް އިލްތިމާސްކޮށްފައި ވެ އެވެ.
އެކަހަލަ މައްސަލަތަކަކީ ހުށަހެޅުމަށް މީހުން ޖެހިލުންވާ މައްސަލަތައް ކަމަށްވާއިރު އަމިއްލަ ނަފްސަށް ގެއްލުންދޭ ކަމެއް ތަހުގީގުުރާއިރު ބްލެކްމެއިލްގެ މައްސަލަ ފެންމަތިވެފައި އެބަހުރި ކަމަށް ވިދާޅުވި އެވެ. އެހެންވެ ބްލެކްމެއިލްގެ މައްސަލަ ފެންމަތިިވާނަމަ އެކަން ޕޮލިހަށް ރިޕޯޓުކުރުމަށް އެދިފައި ވެ އެވެ. މީގެ ކުރިން ވެސް ފޮޓޯ/ ވީޑިއޯ ލީކްކޮށްލުމުގެ ކުރިން ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ފޮޓޯތައް އަތުލާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.