ފުލުހުންގެ މުުއައްސަސާ އިސްލާހުކުރަން މަސައްކަތްތަކެއް ކުރަމުން އަންނައިރު އުންމީދަކީ މި ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ ޕްރޮފެޝަނަލް ޕޮލިސިން އޯގަނައިޒޭޝަނަށް ވުމުގެ ލަނޑުދަނޑި ހާސިލްވުން ކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މުއައްސަސާއަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތަފާސްހިސާބުތައް ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްމިއާ ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަވާލުކޮށްފައިވާ ޕޮލިސް ރިފޯމްގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އިޒްމިއާ ވިދާޅުވީ ފުލުހުންނާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދަން މިދިޔަ ބުދަ ދުވަހު ހުޅުވާލިއިރު، ފުރަތަމަ ހަތަރު ގަޑިއިރު 150 ހިޔާލެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ހިޔާލުތައް އެނަލައިޒްކުރަން އަދި ނުފަށާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މުއައްސަސާގެ ތަރުޖަމާނު އިޒްމިއާ ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މުއައްސަސާގެ ތަރުޖަމާނު އިޒްމިއާ ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އާއްމުންގެ ހިޔާލުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި ފުލުހުންގެ އެތެރޭގެ ސާވޭއަކާއި ޕޮލިސް ރިފޯމް މަހާސިންތާއެއް ބޭއްވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެ ކަންތައްތަކުގެ ތެރެއިން ލިބޭ މައުލޫމާތުތައް އެއްކޮށް ސްޓްރެޓީޖިކް ޕްލޭނެއް ހަދާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ވާނީ އަޅުގަނޑުމެންގެ ރިފޯމް ޕްރޮސެސަށް ދާން ބޭނުންވާ މިސްރާބަށް ދިއުމަށް މަގުފަހިކޮށްދޭނެ މަގަކަށް،" އިޒްމިއާ ވިދާޅުވި އެވެ.

އެ އިރެއްގައި އޮންނަ ސަރުކާރަކުން ފުލުހުންގެ މުއައްސަސާ ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށް ބޭނުންކުރާ ކަމުގެ ޝަކުވާ ބޮޑެވެ.