މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް މަދު ކަމަށާއި އެހެން ދިމާވުމުގެ އެއް ސަބަބަކީ ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުން ކަމަށް ވެދާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލް ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް، 2017 ވަނަ އަހަރާ ބަލާއިރު ނިސްބަތުން މަދުކަމަށެވެ.

މިދިޔަ އަހަރު 14،626 މައްސަލަ ހުށަހެޅިއިރު އޭގެ ކުރީ އަހަރު އެ އަދަދު އުޅެނީ 15،535 ގަ އެވެ.

އޭނާ ވިދާޅުވީ ފުލުހުންނަށް ހުށަހެޅި މައްސަލަތައް މަދުވި ސީދާ ސަބަބަށް ޖަވާބެއް ދޭން އުނދަގޫ ކަމަށެވެ. ނަމަވެސް އޭގައި ގަބޫލުކުރެވޭ ކަންތައްތަކެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"ދެހާސް ސަތާރަ ވަނަ އަހަރާއި 2017 ވަނަ އަހަރާ ބަލާއިރު، 2018 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތައް މަދުވުމުގެ އެއް ފެކްޓާއަކަށް ވެދާނެ ފުލުހުންގެ މުއައްސަސާ ރަނގަޅަށް ހަރުދަނާވީ ކަމަށް ވެސް ނޫނީ އަނެއް ފެކްޓާއަކަށް ވެދާނެ ރައްޔިތުންގެ ތެރެއިން ފުލުހުންނަށް ކުރާ އިތުބާރު ދަށްވުމުގެ ސަބަބުން ހުށަނާޅަނީ ކަމަށް ވެސް،" ފުލުހުންގެ ތަރުޖަމާނުގެ ހައިސިއްޔަތުން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްމިއާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވިދާޅުވީ މިދިޔަ އަހަރު ހުށަހެޅި މައްސަަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. މަސްތުވާތަކެއްޗާ ގުޅޭގޮތުން ހުށަހެޅި މައްސަލަތައް ފިޔަވައި އެހެން ހުރިހާ މައްސަލައެއް ޖުމްލަކޮށް މިދިޔަ އަހަރު ވަނީ މަދުވެފަ އެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ނަމަވެސް އެއީ އޭގެ ކުރީ އަހަރާ ބަލާއިރު މަދު އަދަދެކެވެ. މިދިޔަ އަހަރު ވައްކަމުގެ 3،270 މައްސަލައެއް ހުށަހެޅިއިރު 3،503 މައްސަލައެއް 2017 ވަނަ އަހަރު ހުށަހަޅާފައި ވެ އެވެ.

މިދިޔަ އަހަރު މަސްތުވާތަކެތީގެ 2،230 މައްސަލައެއް އަދި އޭގެ ކުރީ އަހަރު 2،036 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

އިޒްމިއާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވަނީ އަތޮޅުތެރޭގައި ހިންގާފައިވާ މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ކާމިޔާބު ކުރެވިފައިވާތީ ކަމަށެވެ. އަދި އެ މައްސަލަތަކުގައި އަބަދު އެއްބަޔަކު ރިޕީޓްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހެން މި ދަންނަވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ތަހުގީގު ފުރިހަމަކުރުމަށްފަހު އޭނާގެ މައްސަލަ ޕީޖީއަށް ފޮނުވާއިރު، އެމީހެއްގެ މަސްތުވާތަކެތީގެ އެހެން މައްސަލައެއް ޑްރަގް ކޯޓުގައި ކުރިއަށްދާ ނަމަ ފަހުން ފޮނުވާ މައްސަލައެއް [ޕީޖީން] އަނބުރާ ފުލުހުންނަށް ފޮނުވާލުން. އަދި ފަރުވާ ކުރުމުގެ ނަމުގައި އެފަދަ މީހުން ރަށުތެރޭގައި ގިނަވެފައިވުން،" އިޒްމިއާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވަނީ 2،050 މައްސަލަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 20 ޕަސެންޓުގެ ދަށް އަދަދެކެވެ.