އީރާން ސިފައިންގެ އަވަހާރަކޮށްލާފައިވާ ޖެނެރަލް ގާސިމް ސުލައިމާނީގެ ހަނދާނުގައި ބޭއްވި އެއްވުމެއްގައި އިއްޔެ ދެ ބޮން ގޮއްވާލުމުން އެތައް ބަޔަކު މަރުވި ހަމާލާގެ ޒިންމާ އައިސިސް އިން ނަގައިފި އެވެ.

ހަމަލާގައި 100 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ކުރިން ބުނި ނަމަވެސް މިހާރު ވަނީ އެ އަދަދު 84 އަށް ދަށްކޮށްފަ އެވެ.

މި މީހުންގެ ހަނދާނުގައި ގައުމީ ހިތާމައިގެ ދުވަހެއް ފާހަގަކުރަމުން ދަނިކޮށް އައިސިސް އިން ޓެލެގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ދެ ހަމަލާ ދިނީ އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ހަމަލާ ދޭން ތައްޔާރަށް ތިބި ދެ މީހުން ކަމަށެވެ.

އައިިސިސް އިން މިހެން ބުނުމުގެ ކުރިން އީރާންގެ ތަހުގީގު ޓީމުތަކުން ވަނީ އެއް ހަމަލާ ދިނީ އަމިއްލައަށް މަރުވެގެން ހަމަލާދޭ މީހަކުކަން ކަށަވަރުކޮށްދީފަ އެވެ. ދެ ވަނަ ބޮން ގޮއްވާލާ ރިމޯޓް އޮތީ މަރުވެގެން ހަމަލާ ދިން އަނެއް މީހާގެ އަތުގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން އީރާނުން ވަނީ މިއީ އެމެރިކާ އާއި އިޒްރޭލު ފަހަތުގައި އޮވެގެން ދިން ހަމަލާތަކެއް ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ