އަވަށްޓެރިއެއްގެ ގޭގެ މަސްފެންގަނޑުން މީގެ ތިން އަހަރު ކުރިން މަސް ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށްލާން އަޔަލެންޑްގެ ކޯޓަކުން ހުކުރު ދުވަހު ހުކުމްކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އުތުރު ބެލްފާސްޓްގައި އަވައްޓެރިޔާގެ ގޭގެ ފެންގަނޑުން ޑިސެމްބަރު 3، 2018 ގައި މަސްތަކެއް ވަގަށް ނެގި މައްސަލަ ސާބިތުވެ، ޖަލަށް ލާން ހުކުމްކުރީ ސެމުއެލް ރޮބިންސަން، 37، ކިޔާ މީހެކެވެ. އޭނާ ވަގަށް ނެގީ 600 ޕައުންޑް (809 ޑޮލަރު) ގެ މަހެވެ.

މަސްތައް ވަގަށް ނެގީ ސެމުއަލް ކަން ގޭގެ ވެރިމީހާ އަށް އެނގުނީ ސީސީޓީވީ ކެމެރާ ފުޓޭޖްތަކުންނެވެ. މި މައްސަލާގައި ސެމުއެލްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އަވައްޓެރިޔާ ވަގަށް ނެގި މަހުގެ އަގަށްވާ ވަރަށް ފައިސާ ދޭން އެދުމުން އެކަމާ ދެކޮޅު ހަދައި ދެ މީހުންގެ މެދުގައި މައްސަލަ ހޫނުވުމުންނެވެ. އަވައްޓެރިޔާ ބުނެއިވާ ގޮތުގައި ގޭގެ ފެންގަނޑުން ސެމުއެލް މަސް ވަގަށް ނެގީ އޭނާގެ ގޭގައި ނެތް ވަގުތެއްގައި ޑިސެމްބަރު 3، 2018 ގެ ވަރަށް ހެނދުނުގެ ވަގުތެއްގަ ވެ. އަދި ފެންގަނޑުގައި ގެންގުޅޭ މަހަކީ އޭނާ ގަނެގެން ވަރަށް ލޯބިން ގެންގުޅެމުން އަންނަ އެއްޗެހި ކަމަށް ބުންޏެވެ.

ބެލްފާސްޓް މެޖިސްޓްރޭޓް ކޯޓް ހިންގާ އިމާރާތް.
ބެލްފާސްޓް މެޖިސްޓްރޭޓް ކޯޓް ހިންގާ އިމާރާތް.

މި މައްސަލާގައި ކުރި ދައުވާ ސެމުއެލްގެ މައްޗަށް ސާބިތުވެ، ހަތަރު މަހަށް ޖަލަށް ލާން ހުކުމްކުރި އިރު، އޭނާގެ ވަކީލު ކޯޓްގައި ބުުނީ ފެންގަނޑުން މަސް ނެގީ ވައްކަން ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އޭނާގެ މުވައްކިލަކީ މިހާރު ވެސް އެހެން މައްސަތަކެއްގައި ދިގު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މައްސަލަ ބެއްލެވި ޑިޕިއުޓީ ޑިސްޓްރިކްޓް ފަނޑިޔާރު ލިއަމް މެކްސްޓޭ ވިދާޅުވީ ފެންގަނޑުން ސިއްރުން މަސް ނެގުމަށް ފަހު، އެކަން ފަޅާއެރުމުން އޭގެ ވެރިމީހާ އަށް ބަދަލު ނުނިދުމަކީ ވައްކަމުގެ އަމަލެއް ކަމަށެވެ. އެހެންވެ އެ ކުށަށް އޭނާ ހުކުމް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.