އީރާނުގައި އުފައްދާ އާ ސަރުކާރެއްގެ ވެރިޔަކަށް، ޒަޔަނިސްޓުންނާ ވަރަށް ބޮޑު ދެކޮޅުވެރިކަމެއް ދެއްކެވި އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދު ހަމަޖައްސަން އިޒްރޭލުން މަސައްކަތްކޮށް އަދި މިކަމަށްޓަކައި އިޒްރޭލުގެ އެންމެ އިސް ޖާސޫސު، އަހުމަދީނިޖާދާ ބައްދަލުކުރުމަށް ހަންގޭރީގެ ބުޑަޕެސްޓަށް ފޮނުވި ކަމަށް ބުނާ މީޑިއާ ރިޕޯޓްތަކެއް އާންމުވެއްޖެ އެވެ.
ނިއު ޔޯކް ޓައިމްސް އާއި އިޒްރޭލުގެ ހާރެޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީންގެ ގިނަ އަދަދެއްގެ ބަޔަކު މެރި ހޮލޮކާސްޓަކީ ހަދައިގެން ދައްކާ ވާހަކައެއް ކަމަށާއި އިޒްރޭލަކީ ދުނިޔޭގެ ޗާޓުން ފޮހެލަންޖެހޭ ތަނެއް ކަމަށް މީގެ ކުރިން ވިދާޅުވަމުން ދިޔަ ލީޑަރު އިޒްރޭލާ އެއްކޮޅަށް އަނބުރާލައި އީރާންގެ ވެރިކަމަށް ގެންނަން އެއްބަސްކުރުވުމުގެ މި އާދަޔާ ހިލާފު މަސައްކަތް ފެށުނީ 2022 ގަ އެވެ. އަދި އީރާނުގެ މުހިންމު ބައިވެރިއެއް ކަމަށްވާ ހަމާސްއާ ދެކޮޅަށް އިޒްރޭލުން ޣައްޒާގައި ވަރުގަދައަށް ހަމަލާ ދެމުން ދިޔަ އިރު ވެސް މި މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ނިއު ޔޯކް ޓައިމްސްއިން އީރާނުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މިހާރު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ބެލެވޭ އަހުމަދީނިޖާދު ވަނީ، ފާއިތުވި އަހަރުތަކުގައި އީރާނުގެ މިހާރުގެ ވެރިކަމާ ދުރުހެލިވާން ފަށައި، އޭނާގެ އިނގިރޭސި ބަސް ދަސްކުރައްވައި، އަދި އާންމުންގެ މެދުގައި އޭނާގެ ތަަސްވީރު ބަދަލުކުރުމުގެ މަސައްކަތް ކުރެއްވި އެވެ.
އިޒްރޭލާއި އެމެރިކާއިން އީރާންގެ ކުރީގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލި ހަމަލާގައި އަހްމަދީނިޖާދު ވެސް އަވަހާރަވެފައިވާ ކަމަށް ކުރިން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ބޭއްވި ޚާމަނާއީގެ ޖަނާޒާއިން އަހްމަދީނިޖާދު ވަނީ އޭގެ ފަހުން ފުރަތަމަ ފަހަރަށް ފެނިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އޭނާ އީރާނުގެ އާ ލީޑަރަކަށް ގެންނަން ކުރަމުންދިޔަ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދިޔައީ، 2025 ވަނަ އަހަރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދެއްކި، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގެ ޔުނިވަސިޓީއަކަށް، އޭގެ ދެ މަސް ފަހުން އަހުމަދީނިޖާދަށް ވެސް ވާހަކަދެއްކުމުގެ ދައުވަތު ލިބުމާ ގުޅިގެންނެވެ.
ނިއު ޔޯކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި، އަހުމަދީނިޖާދު އިޒްރޭލާ އެއްކޮޅަށް ލެންބެވުމަކީ އިޒްރޭލުން އެންމެ އިސްކަންދިން އެއް ކަންތަކަށް ހެދި އެވެ. އެގޮތުން، އޭގެ ކުރީ އަހަރު ލުޑޮވިކާ ޔުނިވަސިޓީގައި ބޭއްވި މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސެއްގައި ވާހަކަދެއްކުމަށް އަހުމަދީނިޖާދަށް ދައުވަތު ލިބުމުން، އޭނާއާ ބައްދަލުކުރުމަށްޓަކައި އިޒްރޭލުގެ މައި ޖާސޫސީ އިދާރާ، މޮސާޑްގެ އޭރުގެ ވެރިޔާ ޑޭވިޑް ބާނިއާ ހަންގޭރީއަށް ދިޔަ އެވެ.
ބާނިއާ މި ދަތުރުކުރިކަން "ހާރެޒް" ގެ ރިޕޯޓުން ވެސް ކަށަވަރުވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން، ހަމާސްއާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ އެންމެ ވަރުގަދަވި ދަނޑިވަޅުގައި، ޣައްޒާގެ ހާލަތާ ބެހޭގޮތުން ބޮޑުވަޒީރު ނަތަންޔާހޫއާ އެކު ބޭއްވުމަށް ހަމަޖެހިފައި އޮތް ސަލާމަތީ މަޝްވަރާ ބައްދަލުވުމަކަށް ވެސް ނުގޮސް، މޮސާޑްގެ ކުރީގެ ޑިރެކްޓަރު އިސްކަންދިނީ އަހުމަދީނިޖާދުގެ މައްސަލައަށް ސަމާލުކަން ދިނުމަށެވެ.
ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބާނިއާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އަހުމަދީނިޖާދާ ގުޅުން އުފެދިފައިވާކަން މޮސާޑުން އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭ އަށް އެންގި އެވެ. މި ގުޅުން އެންމެ ފުރަތަމަ ވަރުގަދަވާން ފެށީ 2023 ވަނަ އަހަރު އީރާނުގެ ކުރީގެ ރައީސް ގުއަޓެމާލާއަށް ކުރެއްވި ޒިޔާރަތަކަށް ފަހުގަ އެވެ.
އަދި އަހުމަދީނިޖާދުގެ ހުރުމާއި ދަތުރުފަތުރުގެ ހަރަދުތަކަށް އިޒްރޭލުގެ އޮފިޝަލުން ފައިސާ ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މޮސާޑްގެ އެޖެންޓުން އޭނާއާ އެކިފަހަރުމަތިން ބައްދަލުކޮށްފައިވާއިރު، މީގެ ތެރޭގައި ހަންގޭރީއަށް ކުރި ދަތުރުތައް ވެސް ހިމެނެއެ ވެ. އެ ދުވަސްވަރު ހަންގޭރީގެ ވެރިކަމުގައި ހުންނެވީ އިޒްރޭލާއި ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބައިވެރިއެއް ކަމަށްވާ ހަރުކަށި ކަނާތު ފިޔައިގެ ބޮޑުވަޒީރު ވިކްޓަ އޯބަން އެވެ.
މި މަސައްކަތުގެ ތަފްސީލުތައް ފެންމަތިވެފައި މިވަނީ، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި އަސްކަރީ ހަމަލާތަކުގައި އީރާނުގެ އިސް ބައެއްވެރިންނާއި، އެގައުމުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އަހުމަދީނިޖާދަށް ވީގޮތަކާ މެދު އެކި ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ ހަފުތާގައި ޚާމަނާއީގެ ޖަނާޒާގެ ބައިވެރިންގެ ތެރެއިން އަހުމަދީނިޖާދު ފެނިފައި ވާއިރު، މިއީ ފާއިތުވި އެތައް މަހެއްގެ ތެރޭގައި އޭނާ އާންމުންގެ ތެރެއަށް ނިކުތް ފުރަތަމަ ފަހަރެވެ.
ބާނިއާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އަހުމަދީނިޖާދާ ގުޅުން އުފެދިފައިވާކަން މޮސާޑުން އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭ އަށް އެންގި
ޚާމަނާއީ އަވަހާރަކޮށްލުމަށް ފަހު އީރާނުގައި އުފައްދާ ސަރުކާރުގެ ވެރިޔަކަށް ގެންނަން އެމެރިކާ އާއި އިޒްރޭލުން ހަމަޖައްސާފައިވަނީ އަހުމަދީނިޖާދު ކަމަށް ރިޕޯޓުކުރި ނިއު ޔޯކް ޓައިމްސްއިން ބުނި ގޮތުގައި، ޚާމަނާއީ އަވަހާރަކޮށްލުމަށް ހަމަލާދިން ވަގުތު މޮސާޑްގެ ހަތަރު އެޖެންޓަކު އަހްމަދީނިޖާދު ގެއިން ނެރެގެން ކާރުގައި ގެންގޮސް، ތެހެރާނުގެ ރައްކާތެރި ތަނެއްގައި (ސޭފް ހައުސްއެއްގައި) ބެހެއްޓި އެވެ.
ނަމަވެސް، މި ބިރުވެރި އޮޕަރޭޝަނާ މެދު އަހުމަދީނިޖާދު ހިތްހަމަނުޖެހި، އޭނާ ވެރިކަމަށް ގެނައުމަށް ރާވާފައިވާ ޕްލޭނާ މެދު މާޔޫސްވި ކަމަށް ބުނެފައިވެ އެވެ. އޭނާ އެ ރައްކާތެރި ތަނުން ނިކުމެގެން ދިޔައީ ކީއްވެކަމެއް އަދި ކިހިނެއްކަމެއް ނޭނގޭ ކަމަށާއި، އޭގެ ފަހުން އޭނާ ހުރީ އައިއާރުޖީސީގެ ޖާސޫސީ ގޮފީގެ ބެލުމުގެ ދަށުގައި ކަމަށް ބެލެވޭ ކަމަށް އީރާނުގެ އޮފިޝަލުންނާ ހަވާލާދީ ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވެ އެވެ.
އަހުމަދީނިޖާދު އިޒްރޭލުން ބޭނުންވާ ގޮތަށް ލެންބުމަށް ކުރި ކަމަށް ބުނާ މި މަސައްކަތަކީ ހައިރާންކުރުވަނިވި ކަމެކެވެ. ސަބަބަކީ 2005 ވަނަ އަހަރު އޭނާ ރައީސްކަމަށް އިންތިހާބުވުމަށް ފަހު، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމު ފުޅާކޮށް އިޒްރޭލާއި ހުޅަނގުގެ ގައުމުތަކަށް އިންޒާރު ދެއްވަމުން ދިއުމުން ގުޅުންތައް ވަރަށް ބޮޑަށް ގޯސްވި އެވެ.
އޭނާގެ ރައީސްކަމުގެ ދައުރުގައި، ހޮލޮކާސްޓްގެ ސައްހަކަން ދިރާސާކުރުމުގެ ނަމުގައި ކޮންފަރެންސެއް އިންތިޒާމުކުރި އެވެ. ނަމަވެސް، އަމަލީގޮތުން އެ ކޮންފަރެންސްގެ ބޭނުމަކީ، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ނާޒީން ހަ މިލިއަން ޔަހޫދީން މަރާލި މަރާލުމަކީ ހިޔާލީ ވާހަކައެއް ކަމަށް އޭރު އޭނާ ފާޅުގައި ކުރަމުންދިޔަ ދައުވާ ސާބިތުކޮށްދިނުމެވެ.
ނަމަވެސް، 2013 ވަނަ އަހަރު އޭނާގެ ރައީސްކަމުގެ ދައުރު ނިމުނު ފަހުން، ޚާމަނާއީ އާއި ސަރުކާރުގެ އެހެން އިސް ވެރިންނާ ދެމެދު އޮތް ގުޅުން ހީނަރުވަމުންދާކަން އިޒްރޭލުގެ އޮފިޝަލުންގެ ސަމާލުކަމަށް އައީ އެވެ. މި ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދިޔައީ، ރައީސްކަމަށް ވާދަކުރައްވަން އޭނާ ކުރެއްވި މަސައްކަތްތަކުގައި، ކެންޑިޑޭޓުން ކަނޑައަޅާ މަޝްވަރާ މަޖިލީހުން ތިން ފަހަރެއްގެ މަތިން އޭނާ ރިޖެކްޓްކޮށް ކެންޑިޑެސީ ބަލައިނުގަތުމުންނެވެ.
މިކަމާ ގުޅިގެން އަހުމަދީނިޖާދު ވަނީ އޭނާގެ ކުރީގެ ހަރުކަށި ބަސްމަގު ލުއިކޮށްލުމާ އެކު އިނގިރޭސި ބަސް ދަސްކުރުމުގެ މަސައްކަތް ފައްޓަވާފައި ކަމަށްވެ އެވެ. ބުޑަޕެސްޓުގައި އޭނާ ތަގުރީރު ދެއްވީ ވެސް އިނގިރޭސި ބަހުންނެވެ. މީގެ އިތުރުން، އޭނާގެ ސިފައަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. ތުނބުޅި ކޮށައި ރީތިކޮށް، އޭނާގެ ރަމްޒީ ހުދު ޖެކެޓު ލުން ހުއްޓާލައި، އަދި ބޮޓޮކްސް ޓްރީޓްމަންޓް ވެސް ހަދާފައިވާ ކަމަށް ފެންނަން ހުއްޓެވެ.
އަދި އީރާނުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުންދިޔަ މުޒާހަރާތައް ސަރުކާރުން ހަރުކަށިކަމާ އެކު ހުއްޓުވަމުންދިޔަ ދިއުމަށް ވެސް އޭނާ ފާޑު ވިދާޅުވި އެވެ. އެކަމަކު އަހްމަދީނިޖާދަކީ، 2009 ވަނަ އަހަރު އޭނާ ވެރިކަން ހޯއްދެވި އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފެށި "ގްރީން މޫވްމަންޓް" މުޒާހަރާ، ލޭ އޮހޮރުވުމާ އެކު ހުއްޓުވި ބޭފުޅެކެވެ.
ހާރެޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ނިއުކްލިއާ ހަރަކާތްތަކާ ގުޅިގެން އަޅާފައިވާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އީރާނަށް ދެން ސަލާމަތްނުވެވޭނެ ކަމަށް އަހުމަދީނިޖާދަށް ގަބޫލުކުރެވުމުން، އޭނާގެ ވަފާތެރިކަމާ މެދު ސުވާލު އުފެދެން ފެށި އެވެ. އަދި އެ ނިއުކްލިއާ ޕްރޮގްރާމަކީ އީރާނަށް އޮތް ފައިދާއަކަށްވުރެ ބޮޑަށް ބުރައަކަށް ވެފައިވާ ކަމަށް އޭނާ ގަބޫލުކުރި އެވެ.
އިޒްރޭލުން "އޮޕަރޭޝަން ޕުސް އިން ބޫޓްސް" ގެ ނަން ދީފައިވާ، އީރާނުގެ ވެރިކަން ބަދަލުކުރުމުގެ މި އޮޕަރޭޝަނާ މެދު އިޒްރޭލުގެ އިސް ވެރިންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރި ކަމަށް އެ ނޫހުން ރިޕޯޓުކުރެ އެވެ. ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު، ސާހީ ހަނެގްބީ މި ޕްލޭންތަކަކީ ހަމައެކަނި "ހިޔާލީ ފޮލާއެއް" ކަމަށް ބުނެ ދޮގުކުރިއިރު، އިޒްރޭލުގެ ޑިފެންސް ފޯސަސްގެ ޗީފް އޮފް ސްޓާފް އީޔަލް ޒަމީރު ވަނީ އޮޕަރޭޝަން ފެށުމުގެ ތިން ދުވަސް ކުރިން އެކަން ހުއްޓާލުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް، ނަތަންޔާހޫ މި ހިޔާލުތަފާތުވުންތަކަށް ނުބަލައި، އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް އަމުރުކުރި އެވެ.
މިދިޔަ ހޫނު މޫސުމުގައި އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން 12 ދުވަހުގެ ހަމަލާތަކުގެ ކުޑަދުވަސްކޮޅެއް ކުރިން، 2025 ވަނަ އަހަރު ބުޑަޕެސްޓަށް ކުރި ދަތުރެއްގައި އަހުމަދީނިޖާދު އޭނާގެ ސެކިއުރިޓީންނަށް ނޭނގި ދެ ފަހަރެއްގެ މަތިން ސިއްރުން ތަނަކަށް ގޮސްފައިވުމުން، އީރާނުގެ އޮފިޝަލުންނަށް އޭނާއަށް ޝައްކުކުރެވެން ފެށި އެވެ. އަދި އޭނާ ގެއްލުނު ގެއްލުމާ ބެހޭގޮތުން އޮފިޝަލުން އޭނާއާ ސުވާލުކުރި އެވެ.
ވޮޝިންޓަންގެ މިޑްލް އީސްޓް އިންސްޓިޓިއުޓްގެ އީރާނު ޕްރޮގްރާމްގެ އިސްވެރިޔާ އެލެކްސް ވަތަންކާ ވިދާޅުވި ގޮތުގައި، އަހުމަދީނިޖާދު އީރާނުގެ ވެރިންނާ މެދު ހިތްހަމަނުޖެހިފައި ހުރިކަން އެ ގައުމުގެ އެތެރޭގެ އިސް ވެރިންނަށް އެނގެ އެވެ. މީގެ ތެރޭގައި ޚާމަނާއީ ވެސް ހިމެނެ އެވެ. އަދި އިޒްރޭލާ އެކު ގާތް ގުޅުމެއް އޮންނަ ގުއަޓެމާލާއަށް ދަތުރުކުރުމަށް، އަހުމަދީނިޖާދު ނިންމެވި ނިންމެވުމުގެ ސަބަބުން ޚާމަނާއީ ނުތަނަވަސްވި ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
ނަމަވެސް، އެންމެ ފަހުގެ މި ރިޕޯޓުތައް ފެންމަތިވި ވަގުތާއި އޭގެ ފަހަތުގައިވާ މަގުސަދާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.
"އަހުމަދީނިޖާދު ސަލާމަތްކުރުމަށް ފަހު، އޭނާ ބޭނުން ތާކަށް ދާން މޮސާޑުން ދޫކޮށްލީ ކީއްވެ؟" އޭނާ ސުވާލު އުފެއްދެވި އެވެ. "މިކަމަށް އެހާ ބޮޑު މަސައްކަތަކާއި ހަރަދެއް ކޮށްފައި އޮތް ނަމަ، ތިޔަބޭފުޅުން އެގޮތަށް ކަންތައް ކުރާނަންތޯ؟ މިއީ ހަމައެކަނި ސަރުކާރުގެ އެތެރޭގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތަކަށް ވެދާނެ. އަދި ސަރުކާރުގެ ދުޝްމަނުންގެ ނަޒަރުގައި މިއީ އެފަރާތްތަކަށް އެކަމުން ފައިދާ ކުރާނެ ކަމެއް."