އެމެރިކާގެ ސަބްމެރީނަކުން އީރާނުގެ މަނަވަރަކަށް ޓޯޕީޑޯ ހަމަލާއެއްދީ ފައްތާލި ހާދިސާއަށް ފަހު، ސްރީ ލަންކާގައި ތާށިވެފައި ތިބި އީރާންގެ ކަނޑުގެ ސިފައިންގެ 238 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ލަންކާގެ މިނިސްޓަރަކު ބުދަ ދުވަހު އޭއެފްޕީއަށް ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އަރުނާ ޖަޔަސޭކަރަ ވިދާޅުވީ، މާޗް 4 ވަނަ ދުވަހު ލަންކާ ކައިރިން ހަމަލާދީ ފައްތާލި އައިރިސް ޑެނާ އިން ސަލާމަތްކުރި 32 ފަޅުވެރިންނާއި، އައިރިސް ބުޝެހެރް މަނަވަރުގައި ތިބި 206 ފަޅުވެރިން އިއްޔެ އަންގާރަ ދުވަހު ލަންކާއިން ފުރާފައިވާ ކަމަށެވެ.
ޖަޔަސޭކަރަ ވިދާޅުވި ގޮތުގައި އައިރިސް ބުޝެހެރް އޮޕަރޭޓް ކުރުމަށް މަދު ފަޅުވެރިންތަކެއް ލަންކާގައި މަޑުކުރި ނަމަވެސް، އެ މަނަވަރުގެ 206 މީހުންނާއި އައިރިސް ޑެނާ އިން ސަލާމަތްވި މީހުން އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ޗާޓަރު ފްލައިޓެއްގައި ވަނީ ގައުމަށް ގޮސްފަ އެވެ.
އޮފިޝަލުން ބުނާ ގޮތުގައި، ލަންކާގެ އިރުއުތުރުގައި އޮންނަ ޓްރިންކޮމަލީ ބޭރުގައި އަޅާފައިވާ އައިރިސް ޑެނާ އޮޕަރޭޓް ކުރުމަށް އީރާނުގެ 15 ފަޅުވެރިން އަދިވެސް ލަންކާގައި މަޑުކުރާނެ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރީކޮޅު ދިން މި ހަމަލާގައި 104 ފަޅުވެރިން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރެއިން މިހާތަނަށް ފެނުނު 84 މީހެއްގެ ހަށިގަނޑު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ވިދާޅުވީ، 1907 ވަނަ އަހަރުގެ ހޭގް ކޮންވެންޝަނާ އެއްގޮތަށް، އިންސާނިއްޔަތަށްޓަކައި އައިރިސް ބުޝެހެރްގެ ފަޅުވެރިންނަށް އެގައުމުން ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، ދެވަނަ މަނަވަރުގެ ފަޅުވެރިން ފޮނުވާލީ ކޮން އުސޫލަކުން ކަމެއް ސާފެއް ނުވެ އެވެ.
ހަނގުރާމާގައި ވަކި ފަރާތަކަށް ނުޖެހި އޮތުމުގެ ސިޔާސަތު ދެމެހެއްޓުމަށްޓަކައި، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ލަންކާގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދޭން ވެސް ވަނީ ދެކޮޅުހަދައިފަ އެވެ.
މީގެ އިތުރުން، އީރާނުގެ އައިރިސް ލަވާން 183 ފަޅުވެރިންނާ އެކު މާޗް މަހުގެ ކުރީކޮޅު އިންޑިއާގެ ކޮޗިން ބަނދަރުން ވެސް ވަނީ ހިމާޔަތް ހޯދައިފަ އެވެ. އޭގެ ފަހުން އެ މަނަވަރުގެ 100 އަށްވުރެ ގިނަ ފަޅުވެރިން ވަނީ އިންޑިއާ ދޫކޮށް ގޮސްފަ އެވެ. -- އޭއެފްޕީ