ލީގޫ އަކީ ސްމާޓްފޯން ކުންފުންޏެކެވެ. އުފަން ގަައުމަކީ ޗައިނާ އެވެ. ވާވޭ، ޝޯމީ އަދީ އޮޕޯ ފަދަ ބާރުގަދަ ސްމާޓްފޯނުތަކުގެ ވަތަނަކީ ވެސް ޗައިނާ އެވެ.

ލީގޫ ފޯނެއް އަދި ބޭނުންކުރެވިފައި ނެތަސް، އެ މަރުކާގެ ފޯނެއް ބޭނުން ނުކުރަންވީ ސަބަބެއް ނެތެވެ. އެ މަރުކާއާ ބެހޭ ގޮތުން ވާހަކަދައްކައި، ސައްލާކުރާ ހިސާބަށް މި އޮތީ އައިސްފަ އެވެ.

ވެގެން އުޅޭ ގޮތް މި ބުނެދެނީ އެވެ. އަންގައި ވެސް ނުލާ ލީގޫއިން އެންޑްރޮއިޑް އައިފޯން 10 ދައްކާލައިފި އެވެ. ލީގޫއިން މި ވާހަކަ އަދި ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު ޚަބަރު ސުރުޚީތައް ބުނާ ގޮތުން، މިއީ "ލީގޫ އެންޑްރޮއިޑް އައިފޯން 10" ނޫން އެހެން ފޯނެއް ނޫނެވެ.

އެންޑްރޮއިޑް އައިފޯން 10 އަކީ ކޮޕީ ފޯނެކެވެ. އެޕަލް އައިފޯން 10 ނަކަލުކޮށް، ލީގޫއިން އުފައްދާ ފޯނެކެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ލީގޫއިން ފުރަތަމަ މަސައްކަތްކުރީ ސެމްސަންގް ގެލަކްސްީ އެސް9 ކޮޕީކުރާށެވެ. އެއީ ރަނގަޅު ފައިދާއެއް ހޯދާނެ ފޯނެއް ކަމަށް ބެލެވޭތީ އެވެ. ނަމަވެސް، ސެމްސަންގުން އެސް9ގެ ޑިސްޕްލޭ ލަންބާލާނެ ކަމަށް ބެލެވޭތީ، ލީގޫއިން ފޯނުގެ ޑިޒައިން، އައިފޯން 10 އަށް ބަދަލުކޮށްލީ އެވެ.

ލީގޫ އަކީ ބާރުގަދަ ފޯނުތައް ކޮޕީކުރާ ކުންފުންޏެކެވެ. މަޝްހޫރު ފޯނުތަކުގެ ބައްޓަމަށް ފޯނުތައް އުފައްދައި ބިރުގަންނަހާ ހެޔޮ އަގުގައި ވިއްކަ އެވެ. ފޯނުގެ އުމުރަށް ބަލަން ބޭނުންނުވާ މީހުންނަށް މައްސަލައެއް ނެތެވެ. އަތުގައި އޮންނައިރު، އެ ގަހު ކޭލެއް، މި ގަހު ކޭލެއް ވަކިކުރާކަށް ނޭނގެ އެވެ. ލީގޫ ކޮފީ ފޯނެއް ގެންގުޅޭއިރު ހީވަނީ ހަމަ އަސްލުހެންނެވެ.

ސްމާޓްފޯން މާކެޓްގައި އައިފޯން 10 ރަނގަޅު ފައިދާއެއް ހޯދާނެ ކަމަށް ބެލެވެ އެވެ. އެހެންވެ، އެއްގޮތްކޮށްލައިގެން ލީގޫ ބޭނުންވަނީ މާލީ ތަނަވަސްކަމެވެ.

މިހާ ހިސާބުން ދެން އޮތް ސުވާލަކީ، އައިފޯން 10 ބޭނުންކުރަން އެދޭ މީހަކު، އެންޑްރޮއިޑް އައިފޯނެއް ގަނެފާނެ ހެއްޔެވެ؟ ބުނަން އެނގޭހާ ވެސް އެއްޗަކީ މިއީ ވެސް ބަޔަކު ގަންނާނެ ފޯނަކަށް ވާނެ ކަމެވެ. ފޭކް ފޯނެއްކަން އެނގޭއިރު ވެސް، ފޯނާ ކުޅެލުމުން ކުރެވޭ އިހުސާސްތައް ތަޖުރިބާކޮށްލުމަށް ވެސް މި ފޯނު ގަންނާނެ އެވެ.